މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 2.1 ބިލިއަން ރުފިޔާ ހުއްޓުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށް ކުރީގެ ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފި އެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްއޭއިން އޯޕަން މާކެޓު އޮޕަރޭޝަން ފަށައިގެން 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވި ނަމަވެސް އެ ކަމުގެ ސަބަބުން ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި އެއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ފައިސާ ހޯދަން ކުރި ކަމެއް ކަމަށެވެ.

އޯޕަން މާކެޓު އޮޕަރޭޝަން ފަށައި، 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވީ މާކެޓުގައި ދިވެހި ރުފިޔާ ގިނަވުމުން ރުފިޔާގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މިގޮތުން އެކްސެސް ލިކުއިޑިޓީގެ ގޮތުގައި މާކެޓުގައި 12،000 މިލިއަން ނުވަތަ 12 ބިލިއަން ރުފިޔާ އުޅޭކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެންމެ ދެ ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވި ނަމަވެސް އެއީ 16 ޕަސެންޓު ކަމަށާއި އެ ކަމުގެ ނަތީޖާ ނުފެންނާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ އޯޕަން މާކެޓު އޮޕަރޭޝަން ހިންގައިގެން މާކެޓުގައި އިތުރަށް ދައުރުވާ ރުފިޔާ އެމްއެމްއޭއިން ހިފެހެއްޓުމަކީ އޭގެ ޒާތުގައި ގޯސް ކަމަކަށް ނުވި ނަމަވެސް، މިހާރު ފެންނަން ހުރި އަދަދުތަކަށް ބަލާއިރު އެކަމުގެ ހެޔޮ އަސަރު ޑޮލަރުގެ އަގުން ކައިރި މުސްތަގުބަލެއްގައި ވެސް ނުފެންނާނެ ކަމަށެވެ.

މިއާއެކު ޔާމީން ވަނީ ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ރުފިޔާ ބޭނުންވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު އުފައްދާ ސުވާލަކީ މިހާރު (ރައީސް) މުއިއްޒު މި އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބަށް ރުފިޔާ ބޭނުންވެގެން ނޫންތޯ؟ ސާކިއުލޭޝަންގައި ރުފިޔާ އެ ހުރީ. އެ ރުފިޔާ ލިބޭނެ ގޮތެއް އަދިއެއް ނެތް. ކުންފުނިތަކުން ޕްރޮޑިއުސްއެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 400 މިލިއަން ރުފިޔާ ނުލިބޭނެތީ، އެމްއެމްއޭއިން ހިފެހެއްޓި 2.1 ބިލިއަން ރުފިޔާގެ ތެރެއިން ފައިސާ ހޯއްދަވަން އުޅުއްވަނީތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވީ، ދެ ބިލިއަން ރުފިޔާގެ ތެރެއިން 400 މިލިއަން ރުފިޔާ އިންތިޚާބަށް ސަރުކާރަށް ނުދޭންވީ ސަބަބެއް ނެތް ކަމަށާއި، ރުފިޔާއިން ދޭން ޖެހޭކަމަށްވާނަމަ އެކަމާ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެކަމާ ކަންބޮޑުވެނުލައްވާނެ ކަމަށެވެ. ބޭރުގެ ދަރަނި އަދާކުރަން ޑޮލަރު ބަހައްޓަން ޖެހޭއިރު، މުނައްވަރު މިފަދައިން ކަންތައް ކުރައްވަނީ މަގާމު ދިފާއުކުރުމަށްޓަކައި ވެސް ޔާމީން ވިދާޅުވި އެވެ.