އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ނަޒާހަތްތެރިކަމާމެދުގައި އެމްޑީޕީ މެންބަރުން ސުވާލު އުފައްދައިފި އެވެ.
އިންތިގެ ނަޒާހަތްތެރިކަމާމެދުގައި އެމްޑީޕީގެ މެންބަރު ސުވާލު އުފައްދާ ސޯސަލް މީޑިއާގައި އިންތިއަށް ފާޑުކިޔަން ފަށާފައިވަނީ ރޭ ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ސަންގު ޓީވީއިން ރޭ ގެނެސްދިން ބަހުސްގައި މޮޑެރޭޓަރު އިންތި އާ ސުވާލު ކުރައްވާފައިވަނީ، އިމްތިޔާޒު ފަހުމީގެ އާއިލީ ބެބޭފުޅެއް އަވަހާރަ ވެގެން، އަމިއްލަ ނަމުގަ އޮތް ރަށެއް އޭރު ގަވާއިދު އޮންނަ ގޮތުން، އަމިއްލަ ނަމުގައި ހަދާފައި އޮންނަ އެއްބަސްވުންތައް ވާރިސުންނަށް ވާރުތަ ނުވާތީ، މިގޮތަށް މިކަން ދިމާވުމުން، އިންތި އާއި ރައީސް ނަޝީދު ހިމެނޭ ގޮތަށް އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގުޅުއްވައިގެން، އުސޫލު ބަދަލުކޮށް އެރަށް ވަނީ ވާރިސުންނަށް ބަދަލު ކޮށްފައިވާ ކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބައިތޯ އެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ސިޔާސަތެއް ވަނީ ބަދަލު ކޮށްފައި ކަމަށާއި، އެ ސިޔާސަތުތައް ބަދަލުކުރީ ރައީސް އޮފީހުން ކަމުގަ އެވެ. އަދި އޭނާ ވިދާޅުވީ މިގޮތަށް ހިނގާ ހުރިހާ މައްސަލަތަކެއްގައި މީހުން މަރުވިޔަސް އެމީހާގެ އެ ވާރިސުންނަށް ކަންކަން ބަދަލުވެގެންދާ ކަމަށެވެ.
އެހެންނަމަވެސް އެ ގަވާއިދު ބަދަލުކުރީ އިންތިގެ ތިމާގެ ބޭފުޅަކު ނިޔާވުމުން ކަމަށް ނޫންތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި އިންތި ވިދާޅުވީ "އަޅުގަޑަކަށް ނޭނގޭ" ކަމަށެވެ.
ރޭގެ ބަހުސްއަށް ފަހު އިންތިއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެގޮތުން ފެނަކާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގައި އިންތި އިންނަވައިގެން އެމްޑީޕީ މެންބަރުންނަށް އެޅި ފިޔަވަޅުތަކާއި މެދުގައި ސުވާލު އުފެދޭ ކަމަށެވެ. މިއީ ނަޒާހަތްތެރިކަންތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.
މީގެ އިތުރުން އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު ވެސް އިންތިއަށް ފާޑުވިދާޅުވެ ވަނީ ޓުވީޓް ކުރައްވާފަ އެވެ.
މިހާރު ކުރިޔަށްދާ ކެމްޕޭންގައި ޗެއާޕާސަންކަމަށް އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވަމުން ގެންދަވަނީ، އޭނާއަކީ ދުވަހަކު އަމިއްލަ ކަމެއްގައި ސަރުކާރުގެ އިސް އޮފިޝަލަކަށް ނުގުޅުއްވާ އަދި ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އަމިއްލަފުޅަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ތާއީދު ކުރައްވާނީ ނަޒާހަތްތެރި ބޭފުޅަކަށް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފަ އެވެ. އެގޮތުން ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.