ކާންޔޭ ވެސްޓްއާ ވަކިވުމުން ކިމް ކާޑޭޝިއަންގެ ކެރިއަރު އެއްކޮށް ނިމުނީކަމަށް ބުނެ އިންޒާރުދިން ކަމަށް ކިމް ބުނެފި އެވެ.

ކާންޔޭއާ އޭނާގެ ކުރީގެ އަންހެނުން ކިމްއާ ވަކިވެފައިވާއިރު، އެ ދެމީހުން ވަކިވާން ޖެހުނީ، ކާންޔޭ ކިމްއަށް ބޭވަފާތެރިވިކަން ހާމަވުމުންނެވެ.

އެއަށްފަހު ދެ މީހުން ވެސް އެހެން ތަރިންނާ ލޯބީގެ ގޮތުން ގުޅުން ބާއްވާފައިވެ އެވެ.

ނަމަވެސް ކާންޔޭ ވަނީ ކިމްއާ ކިމްގެ ލޯބިވެރިޔާއާ ދުރުކުރަން މަސައްކަތް ކޮށްފަ އެވެ. އަދި އެ މައްސަލަ ސޯޝަލްމީޑިއާގައި ދައުރުވެ ދެ މީހުންނަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ދެ ފަންނާނުން ވެސް އެކަކު އަނެކަކުގެ ސިއްރުތައް ހާމަކުރަމުންދާއިރު، ކިމް ވަނީ ކާންޔޭއާ ގުޅުވައިގެން އަނެއްކާވެސް މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން ކިމްގެ ހެދުން އެޅުމަށް މަލާމާތްކޮށް، އެކަމަށް ވައްބަހުން ޖަހަމުން ކާންޔޭ ވަނީ، އޭނާއާ ވަކިވުމަށް ފަހު ކިމް އަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އަދި ކިމްގެ ހެދުން އެޅުން ފޭނުންނަށް ކަމުނުދާނެ ކަމަށް ބުނި ކަމަށް ކިމް ހާމަކޮށްފައިވެ އެވެ.

ކާންޔޭއަކީ އޭނާ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅުނު ކޮންމެ މީހަކަށް ވެސް ހެދުން ސްޓައިލްކުރުމަށް އެހީތެރިވެދިން މީހެކެވެ. އެގޮތުން ކިމްއާ އެކީގައި އުޅުނު ދުވަސްވަރު، އޭނާގެ ހެދުން އެޅުމުގެ ސްޓައިލް ވެސް ކާންޔޭގެ ހިޔާލާ އެއްގޮތަށް ގެންގުޅޭ ކަމަށް ކިމް ބުނެފައިވެ އެވެ.