އެމްޑީޕީގައި މިހާތަނަށް ބޭއްވޭ އެތޭރެގެ އެންމެ ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ވާދަވެރި އަދި ހޫނުގަދަ ކެމްޕެއިނަކަަށްފަހު މިއަދު ބާއްވާ މި އިންތިހާބުގެ ވޯޓުލުން މާލެއާއި ރަށްރަށުގައި ވެސް ކުރިއަށް އެބަދެ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި، މި އިންތިޚާބުގެ މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރުގެ 4 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެ އެވެ.

މި އިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އިމްތިޔާޒަށް ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާއިރު، ފައްޔާޒް އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހިް މުހައްމަދު ސޯލިހުގެ ތާއީދާއެކީގަ އެވެ.

ޗެއާޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހުމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

މި އިންތިހާބުގައި ޖުމްލަ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެ އެވެ. އެގޮތުން މާލޭގައި 87 ފޮށި ބަހައްޓާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މި އިންތިހާބުގައި ފައްޔާޒު ވޯޓު ލައްވާފައި ވަނީ މީގެ އިރުކޮޅެއް ކުރިން ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި ރައީސް ސޯލިހު ވެސް 10:30 ގައި ވޯޓުލުމަށް ހަމަޖެހިފައިވެ އެވެ. އެ މަނިކުފާނު ވޯޓު ލައްވާނީ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ ވޯޓުލައްވައިފަ އެވެ.

އެމްޑީޕީން މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުގައި ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭނެ ކަމަށާއި އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ. އަދި ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓު ލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީގެ އެތެރޭގެ ދަފްތަރުގައި ހިމަނާފައި ވާތީ ގިނަ ބަޔަކުދަނީ ފާޑު ކިޔަމުންނެވެ.