ހުސްހަށިބައި އަންހެނުންނަށް ވުރެ ކައިވެނި ކޮށްގެން އުޅޭ އަންހެނުންގެ ސްޓްރެސް އިތުރުވުމަކީ އާއްމުކޮށް އަޑުއިވޭ ވާހަކަ އެކެވެ. ވަޒީފާއާއި، ގޭގެ މަސްއޫލިއްޔަތުގެ އިތުރުން ދަރިންގެ ޒިންމާތައް ބޮލުގައި އަޅައިގެން އުޅޭ އަންހެނުންގެ ސްޓްރެސް ބޮޑުވާނެކަން ގައިމެވެ.
ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުން އެންމެ ބޮޑަށް ހާސްކުރުވަނީ މަތީގައި ދެންނެވުނު ކަންކަމަކުން ނޫނެވެ. އެހެނެއް ކަމަކު އަނބިންގެ ސްޓްރެސް ލެވެލް އިތުރުވާ އެންމެ ބޮޑު ސަބަބަކީ ޚުދު އެ މީހުންގެ ފިރިން ކަމަށް މި ދިރާސާގައި ބުނެ އެވެ.
މި ދިރާސާގައި ބައިވެރިވި އަންހެނުންގެ ތެރެއިން 46 ޕަސެންޓް އަންހެނުން އެއްބަސްވާ ގޮތުގައި އެ މީހުންނަށް ދަރިންގެ ފަރާތުން ލިބޭ ސްޓްރެސް، ފިރިންގެ ފަރާތުން ލިބޭ ސްޓްރެސް އަށްވުރެ އެތައް ހާސް ގުނައެއް ކުޑަ އެވެ.
ފިރިހެނުންނަކީ މެދު އުމުރަށް އަޅަންދެން މިޒާޖާއި އުޅުމުން ކުޑަކުދިންނާ އެއްގޮތަކަށް އުޅޭ ބައެއް ކަމަށް މީގެ ކުރީގެ ދިރާސާތަކުން ދައްކަ އެވެ. އެކަން އެނގެނީ ފިރިހެނަކު ކުޑަ ކުއްޖަކާއެކު ވަގުތު ހޭދަކުރާއިރު އެ މީހުންގެ އުޅުމަށް އަންނަ ބަދަލުތަކުންނެވެ. ދަރިންކުރާ ކަންކަމުގައި ބައިވެރިވެ އުޅުމަކީ އާއްމުކޮށް ބަފައިންކުރާ ކަމެކެވެ.
"ހަތް އަހަރުގެ ކުއްޖަކު އުޅޭނީ ހަތް އަހަރުގެ ކުއްޖަކު އުޅޭހެން. އެކަމަކު ތިރީސް ފަސް އަހަރުގެ ބޮޑު ފިރިހެނަކު ވެސް އުޅެނީ ހަމަ އެ ކުއްޖާ އުޅޭ ގޮތަށް،" ދިރާސާގައި ބައިވެރިވި އަންހެނަކު ބުންޏެވެ.
ބައްޕައަށްވެ ހުރެ ދަރިންނަށް ރަނގަޅު ގޮތް ކިޔައިދިނުމުގެ ބަދަލުގައި ދަރިންގެ މަޖަލާއި ސަކަރާތުގައި ބައިވެރިވުމަކީ ފިރިންގެ ސަބަބުން އަންހެނުން ސްޓްރެސް އިތުރުވާ މައިގަނޑު ސަބަބެވެ.
"އަހަރެންގެ ފިރިމީހާ ގެންގުޅުމަކީ އިތުރު ދަރިއަކު ގެންގުޅުން ކަހަލަ ކަމެއް،" އެހެން އަންހެނަކު ބުންޏެވެ.
ހަގީގަތަކީ ދަރިންނާ އެކުވެ، އެ ދަރިންގެ ރަހްމަތްތެރިއެއްގެ ގޮތުގައި އެކި ކަންކަމުގައި ބައިވެރިވުމުކީ ފިރިހެނުންގެ މިޒާޖު ކަމެވެ. ނަމަވެސް ޒިންމާތަކާ އެކު ހަރުކަށީ ބެލެނިވެރިއެއްގެ ގޮތުގައި ބެލެވިފައި އޮންނަނީ މައިންނެވެ. ނަތީޖާއަކަށް ވަނީ ދެބަފައިން އެއްވެ ޖަހާ ސަކަރާތުން އަންހެނުންގެ ސްޓްރެސް އިތުރު ވުމެވެ.