މެރިއުޕޯލް (17 މައި)- ރަޝިއާއިން ހިފާފައިވާ މެރިއުޕޯލް އަޒޮވްސްޓަލް ސްޓީލް ޕްލާންޓްގައި ތާށިވެފައި ތިބި ސިފައިން ސަލާމަތްކޮށް މިޝަން ފުރިހަމަ ކުރެވިއްޖެ ކަމަށް ޔޫކްރެއިންއިން ބުނެފި އެވެ.

އެއާއެކު އެ ކާރުޚާނާގައި ތިބި 260 އަށް ވުރެ ގިނަ ސިފައިން ރައްކާތެރިކަމާއެކު އެތަނުން ނުކުމެ ރައްކާތެރި ހިސާބުތަކަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެ އެވެ.

ޔޫކްރެއިންއިން އިތުރަށް ބުނީ އަޒޮވްސްޓަލް ޕްލާންޓް ހިމާޔަތް ކުރަން ކުރިޔަށް ދިޔަ އޮޕަރޭޝަން ފުރިހަމަ ކުރެވިފައިވާ ކަމަށާއި އެތަނުން އިތުރު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.

އަޒޮވްސްޓަލް ދަގަނޑު ކާރުޚާނާގައި ހިމާޔަތް ހޯދައިގެން ތިބީ މެރިއުޕޯލްގައި ކުރިއަށްދިޔަ ހަމަލާ ބަދަލު ކުރުން ތަކުގައި އަނިޔާވެ ޒަހަމްވި ސިފައިންނެވެ.

ރަޝިއާއިން މެރިއުޕޯލްއަށް އަތްގަދަ ކުރުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިން ވަނީ އަޒޮވްސްޓަލް ސްޓީލް ޕްލާންޓަށް ވަދެ ހިމާޔަތް ހޯދާފަ އެވެ.

ނަމަވެސް ރަޝިއާއިން އެތަނަށް ވެސް ހަމަލާދީ ހިސާރު ކޮށްފައިވާއިރު އަމާންދޭ ސިފައިން ރައްކާތެރި ކަމާއެކު ބޭރަށް ނުކުމެވޭނެ ގޮތް ހަދައިދޭނެ ކަމަށް ރަޝިއާއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ