މަޖިލީހުގައި މަސައްކަތެއް ނުކުރެވޭ ކަމަށާއި ސަރުކާރުން މަޖިލިސް ހައިޖެކް ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނުމުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރުޅިގަދަވެއްޖެ އެވެ.

އިދިކޮޅު ޕީޖީ ގްރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އޮތީ މަޖިލިސް ހައިޖެކް ކޮށްފައި ކަމަށާއި އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށެވެ. ސަރުކާރުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފު ކަމެއް ކަމަށާއި އެކަން ކުރަމުންދަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން ކަންބޮޑުވަނީ މަޖިލީހުގައި ބޭކާރު ޝޯ ކުޅެން ނުލިބޭތީ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، އާދަމް ޝަރީފްގެ އެވާހަކަތަކަކީ މަޖިލީހަށް އަލަށް ވަދެވިގެން އުޅޭތީ ހީވާ އެއްޗެއް ކަމަށާއި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާނީ ކޮމިޓީތަކުގައި ކަމަށާއި ތަޅުމުގައި ފޮނި އަނގަތެޅުން އެއީ މަޖިލީހުގައި ހިނގާ އެންމެ ބޭކާރު ކަންތައް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކޮމިޓީތައް ހިނގާ ކަމަށާއި މިހާރު ވެސް 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު މުއައްސަސާތާއެކު ބައްދަލުވުންތައް ވެސް ކުރިއަށްދާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިހެން ވިދާޅުވި ކަމުގައިވިޔަސް މަޖިލީހުގައި މަސައްކަތެއް ނެތިގެން ޖެހިޖެހިގެން ތިން ދުވަހު ވަނީ މަޖިލިސް ގަޑިއެއްހާއިރު ތެރޭ ނިންމާލާފަ އެވެ.