ސްވިޑަންއާއި ފިންލެންޑުން ނޭޓޯއާ ގުޅެން ބޭނުންވާކަން އިއުލާންކުރި ހިސާބުން އެންމެން ވެސް ހީކުރީ އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހަދާ އަޑު އުފުލާނީ ރަޝިއާއިން ކަމަށެވެ. ނޭޓޯގެ އިތުރަށް ފުޅާވެ އެ ޖަމާއަތުގެ އަސްކަރީ ބާރު ވަރުގަދަ ވުމަކީ އެގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އަބަދުވެސް ބެލެވިފައި އޮތުމުންނެވެ.

ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ނޯޑިކްގެ ދެގައުމުން ނޭޓޯއާ ގުޅުމަށް ދެކޮޅު ހަދާ އަޑު އުފުލީ ޚުދު އެ ޖަމާއަތުގެ މެމްބަރު ގައުމެކެވެ. ސްވިޑަންއާއި ފިންލެންޑް ނޭޓޯއާ ގުޅެން ތުރުކީއިން ތާއީދު ނުކުރާ ކަމަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައިވާއިރު މި ނިންމުމަކީ ކޮން ކަހަލަ ނަތީޖާ ތަކެއް ނިކުންނާނެ ނިންމުމެއް ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސްވިޑަންއާއި ފިންލެންޑަށް ތުރުކީގެ ތާއީދު މުހިއްމުވަނީ ކީއްވެ؟

ނޭޓޯއަށް މެމްބަރުން އިތުރު ކުރަން އެ ޖަމާއަތުގެ 30 މެމްބަރު ގައުމުގެ ރުހުން ބޭނުންވާނެ ކަމަށް އެޖަމާއަތުގެ ގަވާއިދުތައް ބުނެ އެވެ. އެހެން ކަމުން މި ދެގައުމު ނޭޓޯއާ ގުޅުމަށް ތުރުކީއިން ވޯޓު ނުދީފިނަމަ އެފުރުސަތު ގެއްލޭނެ އެވެ. ކަން މިހެން އޮތް ނަމަވެސް އެމެރިކާއިން ވަނީ ތުރުކީގެ ދެކޮޅު ހެދުމާއެކު ވެސް ފިންލެންޑާއި ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ހޯދޭނެ ކަމުގެ އިތުބާރު އޮތް ކަމަށް ބުނެފަ އެވެ. އަންނަ ހަފްތާގައި ތުރުކީގެ ބޮޑުވަޒީރާއި އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު މިއީ އެ ބައްދަލުވުމުގެ މައިގަނޑު މައުޟޫކަމުގައި ވުން ގާތެވެ.

ތުރުކީއިން މިކަމަށް ދެކޮޅު ހަދާ ސަބަބަކީ ކޮބާ؟

ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ ކަމަށްވާ ތުރުކީއިން އެޖަމާއަތް ފުޅާކުރުމަށް މީގެ ކުރިން ފުރިހަަމަ އެއްބާރުލުން ދީފައިވެ އެވެ. ނަމަވެސް މިފަހަރު މިކަމަށް ދެކޮޅު ހެދުމުގައި އެގައުމުގެ ސަބަބަކަށްވީ 2016 ވަނަ އަހަރު ތުރުކީގައި ބަޣާވާތް ކޮށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކުރުދިޝް ހަނގުރާމަވެރި ޖަމާއަތުން ސްވިޑަން އެކި ހިސާބުތަކުގައި ހިމާޔަތް ހޯދައިގެން ތިބުމެވެ. އެގޮތުން ތުރުކީއިން ހޯދަމުން އަންނަ 33 މީހަކު އެގައުމާ ހަވާލު ކުރުމަށް ސްވިޑަންއިން ދެކޮޅު ހަދާފައިވާ ކަމަށް އުރުތުޣާން ތުހުމަތު ކުރައްވަ އެވެ.

އޭގެ އިތުރުން ވެސް ސްވިޑަންއާއި ފިންލެންޑް ނޭޓޯއާ ގުޅެން ތާއީދުކޮށްގެން އިތުރު "ގޯހެއް" ހަދަން ބޭނުން ނުވާ ކަމަށް ވެސް ތުރުކީއިން ބުނެ އެވެ. މިކަން ގުޅެނީ 1980 ވަނަ އަހަރު ގްރީސް އަލުން ނޭޓޯއާ ގުުޅުމަށް ތުރުކީއިން ތާއީދުކުރި ނަމަވެސް އެކަމަކީ ގްރީސްއިން ތުރުކީއާ ދެކޮޅުވުމަށް މެދުވެރިވި ސަބަބެއް ކަމުގައި އެގައުމުން ގަބޫލުކުރާ ގަބޫލު ކުރުމާ އެވެ.

ތުރުކީއިން ބޭނުންވަނީ ކޮން ކަމެއް؟

ކުރިއަށް އޮތް ދުވަސް ތަކުގައި މި މައްސަލައާ ގުޅިގެން ތުރުކީއާއި ސްވިޑަން އަދި ފިންލެންޑާ ދެމެދު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ލަފާ ކުރެވޭ އިރު ބޮޑަށް ބުރަ ވެވެނީ ތުރުކީގެ ހުށައެެޅުމަކަށް ވާނީ ސްވިޑަންއާއި ފިންލެންޑަށް ތުރުކީއިން ކުރާ ތާއީދުގެ ބަދަލުގައި އެދެގައުމުގައި ހިމާޔަތް ހޯދައިގެން ތިބި ކުރުދިޝްގެ ހަނގުރާމަވެރިން އެގައުމުތަކުން ބޭލުމެވެ. އެއާއެކު ތުރުކީއަށް ހަތިޔާރު ވިއްކުން މަނާ ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.

މީގެ އިތުރުން ވެސް ތުރުކީއިން ކޮށްފާނެ ޑިމާންޑްތަކުގެ ތެރޭގައި އެމެރިކާއިން ހަތިޔާރު ފޯރުކޮށް ދިނުމާއި ސީރިއާގެ ރެފިއުޖީންނަށް އެހީވުމަށް މާލީ އެހީ ހޯދުން ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ތުރުކީއިން ރަޝިއާ ރުއްސަނީތަ؟

ނޭޓޯއާއި ހުޅަނގުގެ މަޝްރަހަށް ބަލާއިރު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމަ އެވެ. ރަޝިއާއިން ހަނގުރާމަ ކުރަނީ ނޭޓޯއާ ދެކޮޅަށް ކަމަށް އެގައުމުން ބުނެފައިވާއިރު ނޭޓޯ ފުޅާކޮށް މެމްބަރުން އިތުރު ކުރުމަށް ދެކޮޅު ހެދުމަކީ ތުުރުކީއިން ރަޝިއާއަށް އެއްބާރުލުން ދީ އެގައުމު ރުއްސަން މަސައްކަތް ކުރަނީ ކަމުގައި ބެލުމުގެ ޖާގަ އެބަ އޮތެވެ.

ތުރުކީއަކީ ރަޝިއާއާއި ޔޫކްރެއިންއާ އެކުވެސް ގާތް ގުޅުމެއް އޮތް ގައުމަކަށް ވީއިރު މި މައްސަލާގައި ތުރުކީއިން މިހާތަނަށް އެއްވެސް ކޮޅަކަށް ޖެހިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެގައުމުން ވަނީ ޔޫކްރެއިންއަށް އެކި ގޮތްގޮތުން އަސްކަރީ އެހީ ފޯރުކޮށްދީފަ އެވެ. އެހެން ކަމުން ނޭޓޯ ފުޅާ ކުރަން ދެކޮޅު ހެދުމަކީ ރަޝިއާއާއެކު އޮތް ގުޅުން ހީނަރުވިޔަ ނުދޭން ނިންމި ނިންމުމެއް ކަމުގައި ވެސް ބެލެވިދާނެ އެވެ.

މިކަމުން އުރުތުޣާންއަށް ފައިދާއެއް ވޭތަ؟

ތުރުކީގެ އިގްތިސާދާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ރައީސް ރަގަބް ތައްޔިބު އުރުތުޣާންއަށް އެގައުމުގައި އޮތް ތާއީދު އަހަރު ތަކުގެ ތެރެއިން ކުޑަވެފައިވާއިރު ކުރުދިޝް ހަނގުރާމަވެރިންނާ ދެކޮޅަށް އަޅާ އެއްވެސް ފިޔަވަޅަކީ ޚުދު އޭނާއަށް ސިޔާސީ ފައިދާއެއް ލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ.

ބައިނަލްއަގްވާމީ މުޖުތަަމައުގައި ހަރަކާތްތެރިވެ ތުރުކީގެ ހައްގުތައް ރައްކާތެރި ކުރުމަކީ އުރުތުޣާންއަށް އަންނަ އިންތިހާބުގައި އޮތް ތާއީދު އިތުރުވާނެ ކަމެކެވެ.