ރާއްޖެއިން މިވަގުތު މަންކީޕޮކްސް ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، ގިނަ ގައުމުތަކަކުން ކޭސްތައް ރިޕޯޓުކުރަމުން ދިޔުމާ އެކު ރާއްޖެއިން ވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އެޖެންސީން ބުނީ މިބަލި ފެތުރެމުންދިޔުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ކަށިވިދުރި ޖައްސާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ ވައިރަހަކުން މިހާރު ބައެއް ގައުމުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާއި އަވައްޓެރި ގައުމަކުން ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެން ނަމަވެސް ބަލީގެ އައުޓްބްރޭކެއް ރާއްޖެއަށް މީހުން އައިސްގޮސް އުޅޭ ގައުމުތަކުގައި ފެތުރެމުން ދާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ އެޖެންސީން ބުނެ އެވެ. އެގޮތުން ބަލި ފެތުރިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގައި އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިމަހުގެ 21 އާއި ހަމައަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއީ އާއްމުކޮށް އެފްރިކާގެ ގައުމުތަކުން ފެންނަ ބައްޔެއް ނަމަވެސް ބަލި ފެތުރެން ފެށި ގޮތެއް ނޭނގި މިބަލި ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފެށުމާ ގުޅިގެން އެކަން ޑަބްލިއުއެޗްއޯ އިން ބަލަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެ އެޖެންސީ ބުނީ ބަލި ފަތުރާ ޖަރާސީމަށް ބަދަލެއް އައިސްފައިވޭތޯ މިހާރު އަންނަނީ ދިރާސާކުރަމުން ކަމަށެވެ.
ކަށިވިދުރީގެ ވެކްސިން ޖެހުން މިވޭތުވެދިޔަ އަހަރުތަކުގައި ހުއްޓަލުމާއި ގުޅިގެން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ބަލި ފެތުރޭ ގައުމުތައް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ކިހިލީގަ އާއި އުކުޅުވަޅުގައި ގޮށްލާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން ބުނީ 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާ ކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށް ކަމަށެވެ.
އާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.