ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 57 އިތުރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ނޫސްވެރިނާ ވާހަކަދައްކަވަމުން ރޭ ވިދާޅުވީ އެއާޕޯޓުގެ ކާގޯ ކްލަސްޓާއާ ގުޅިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު މީހަކު ޕޮޒިޓިވްވެފައި ވާކަމަށެވެ. އަދި އެ ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 57 އަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ކްލަސްޓާގެ ތެރެއިން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 77 މީހަކު ދެނެގަނެވި، އެ މުވައްޒަފުން އެކަހެރިކޮށް ކަރަަންޓީންކޮށްފައި ވަނީ. ޙާލަތު ބެލުމުގެ ކަންކަން އަދިވެސް ކުރަމުން އެބަދޭ. އެމްއޭސީއެލްގެ ސްޓާފުންގެ އިތުރުން އެތަނަށް އަންނަ ވަރަށް ގިނަ އިތުރު ބަޔަކާ ވެސް ބައްދަލުވާ ސަރަހައްދެއްކަމުން އިތުރު މުއައްސަސާތަކާއި އެހެނިހެން ޕްރައިވެޓް ކޮމްޕެނީޒްތަކާއި ތަންތަނުގެ މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީއެ ކްލަސްޓާއާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެއާޕޯޓަށް ގޮސް ކާގޯ އޭރިއާގެ މަސައްކަތްތައް ހިނގާގޮތާއި އެތަނުގެ ތެރޭގައި އެޅިފައިހުރި ފިޔަވަޅުތައް ބަލާފައިވާ ކަމަށެވެ. އަދި މިހާރު އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން އެތަނުގައި މަސައްކަތް ކުރާ އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަންކަން ރަނގަޅުކުރުމަށް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވެފައި ވަނީ މާލެ އަތޮޅުގައި އޮންނަ ރަށްފަޅުހުރާ ނަމުގައި ހަދާ ރިސޯޓަކުން އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، މާލޭ ސަރަޙައްދުގައި އޮތް ޔޮޓެއްގައި ތިބި ބަޔަކު ޕޮޒިޓިވްވުމުން ކަމަށެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ރަށްފަޅު ހުރާއިން ޕޮޒިޓިވްވި 15 މީހަކާއި، ޔޮޓުން ޕޮޒިޓިވްވި 14 މީހުންނާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓްގައި ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރަށްފަޅު ހުރާއިން އަލަށް ޕޮޒިޓިވްވި 15 މީހުން ހިމެނޭ ގޮތަށް އެ ރިސޯޓުން ޖުމްލަ 53 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. ހަތަރު ރަށެއް ހިމެނޭހެން ތަރައްގީކުރާ އެ ރިސޯޓުގެ އެސެސްމެންޓް ހެދުމަށް މިމަހުގެ 18 ވަނަ ދުވަހު ޓީމެއް އެ ރިސޯޓަށް ގޮސް އިތުރު ސާމްޕަލްތައް ވެސް ނަގާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެޗްއީއޯސީން ބުނީ އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 130 މުވައްޒަފަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ އަދި އެ މީހުންތައް ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.