އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރަސްމީކޮށް މިއަދު އެ މަގާމާއި ހަވާލުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ މިނިސްޓަރު ފައްޔާޒް ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފައިވާއިރު، އެޕާޓީ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާނީ ޗެއާޕާސަން އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ އިންތިހާބުތައް ރާވާ އިންތިޒާމްކުރުމާއި، އެޕާޓީގެ ދާއިރާތަކުގެ އިންތިހާބުތަކުގެ އިދާރީ ކަންކަން ހިންގެވުމާއި، އެޕާޓީގެ އުސޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކޮށް، ޑިމޮކްރަސީގެ މިންގަނޑުތަކާއި ހަމަހަމަކަންމަތީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތްކުރުން ވެސް ޕާޓީގެ ޗެއޕާސަންގެ މަސްއޫލިއްޔަތުގައި ބަޔާންކޮށްފައިވެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމާ މިނިސްޓަރު ފައްޔާޒް ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީޕީ ސެކްރެޓޭރިއޭޓްގެ ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ޗެއާޕާސަންއަކު ހޮވުމަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި އިންތިހާބަކީ މިހާަތަނަށް ބޭއްވުނު އެމްޑީޕީގެ އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިހާބުގައި ފައްޔާޒު ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު އެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނުކުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ކެމްޕެއިން ހިނގަމުން ދިޔައިރު ރައީސް ނަޝީދުގެ ފެކްޝަނުން ފައްޔާޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ބާރަކާ ނުފޫޒެއް ބޭނުން ކުރަމުންދާ ކަމަށާއި އަދި ސަރުކާރުގެ ކުންފުނިތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާތައް ބަހަމުންދާ ކަމަށާއި މީޑިއާތަކަށް ފައިސާދީގެން ސަރުކާރު ތެރެއިން ކަންކަން ކުރާކަމުގެ ތުހުމަތުތައް ކުރި އެވެ. އަދި ފައްޔާޒަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ވަކި ކުރާ ކަމުގެ ޝަކުވާތައް ވެސް ފެންމަތިވި އެވެ. ނަމަވެސް އެ ތުހުމަތުތައް ފައްޔާޒު ދޮގުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ މެމްބަރުން ތާއީދު ކުރެއްވީ ފައްޔާޒަށް ކަމުން މަޖިލީހުގެ ތަޅުމުގައިވެސް ބަހުސްތައް ވަރަށް ހޫނުވެގެން ދިޔަ އެވެ.

އެމްޑީޕީން ޢާންމުކޮށްފައިވާ ދާއިމީ ނަތީޖާގައި ވާގޮތުން މިއިންތިހާބު ފައްޔާޒް ކާމިޔާބު ކޮށްފައިވަނީ 7،000 ވޯޓުގެ ތަފާތުންނެވެ.

ފައްޔާޒަށް ލިބިވަޑައިގަތީ 27،406 ވޯޓެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.