ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާ ގުޅޭގޮތުން ބާއްވަމުންދާ ސެމިނާތަކުގެ ތިންވަނަ ސެމިނާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

އއ. އުކުޅަހުގައި ބާއްވާ މިސެމިނާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ލާމަރުކަޒީ ރާއްޖެ މި ޝިޔާރުގެ ދަށުން، "ފަނޯއްލަ ދަރުބާރު" މި ނަމުގައި ކުރިއަށްގެންދާ މި ސެމިނާ ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސެމިނާގައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ގާނޫނަށް އަހުލުވެރި ކުރުމުގެ ގިނަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ސެމިނާގައި ވަޒީރުންނާއި ކަމާގުޅުންހުރި ތަޖުރިބާކާރުން މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފަ އެވެ. ނަމަވެސް ގާނޫނުގެ ތެރެއިން މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައިވާ ދަތިތަކެވެ.

ރަށްރަށުގެ ތަރައްގީގެ ކަންކަމާއިވެސް ގުޅިފައިވާ އެންމެބޮޑު އެއް ބަޔަކީ ލޭންޑް ޔޫސް ޕްލޭނަށްވާއިރު މިމަސައްކަތްތައް މިހާރު ވެސް ލަސްވެފައިވުމަކީ ރަށްރަށުގެ ކައުންސިލްތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެލްޖީއޭއިން މިހާރު މަސައްކަތް ކުރަމުންދަނީ، ބޭރުގެ އެކި ފަރާތްތަކުގެ މާލީ އެހީތެރިކަމާއިއެކުގައި ވެސް މި މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އޭރުގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކާއި، ހިފެހެއްޓިފައިވާ އެންމެހައި ބާރުތައް ދޫކޮށްލުމަށް ޤާނޫނަށް ގެންނަންޖެހޭ މަޝްވަރާތައް ފެށްޓެވީ "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ބޭއްވި ޚާއްސަ ފޯރަމުންނެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް ސޯލިހު ދެއްވި އެކި ޚިތާބުތަކުގައި ވެސް އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ ވާހަކަ އެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އެމަނިކުފާނުވަނީ ހަގީގީ ތަރައްޤީއާއި ހަމައަށް ވާސިލްވުމަށް މި ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްތަކެއްއްގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ސަރުކާރުން ވަނީ މަޖިލީހަށް ބިލް ހުށަހަޅާފަ އެވެ.

ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއިއެކު މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގު ކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ގަ އެވެ.