ކޮވިޑާއާ ގުޅިގެން ބަންދުކުރި ސަލްޓަން ޕާކު، ނުވަ މަސްފަހުން ނިއު ނޯމަލްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިއަދު އަލުން ހުޅުވައިފި އެވެ.
ސަލްޓަން ޕާކު. މިއަދުން ފެށިގެން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
އަލުން ޕާކު ހުޅުވިއިރު، ބިދޭސީންގެ އަތުން ނަގަމުން އައި އެންޓްރީ ފީ ނެގުން ވަނީ ހުއްޓާލާފަ އެވެ. ބިދޭސީންގެ އަތުން ކުރިން 75 ރުފިޔާގެ ފީއެއް ނަގަ އެވެ.
މިދިޔަ މާޗް މަހު ބަންދު ކުރި ޕާކު އަލުން ހުޅުވިއިރު އެތަނުގެ އެތެރެ ސާފުކުރުމާއި ކޮވިޑް-19 ގެ ހާލަތުގައި ޕާކު ތެރެއަށް ވަންނަ ފަރާތްތައް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ދައްކުވާދޭ ސައިން ބޯޑުތައް މިހާރު ވަނީ ބަހައްޓާފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުކޮށް އެއްވެ އު ޅޭތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ ސީޓީގެ ޕާކުތަކާއި މައިޒާންތައް ވެސް ބަންދުކުރި އެވެ. ނަމަވެސް މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތައް މަދުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން އޭރު އަޅާފައިވާ ގިނަ ފިޔަޅުތަކަކަށް ވަނީ ލުއިި ދީފަ އެވެ.
ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް ނިންމި ނަމަވެސް އުސޫލްގައި ވާ ގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ބޭރަށް ނުދިޔުމާއި ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައި ވެ އެވެ.
މިއަދު އަލުން ސަލްޓަން ޕާކް ހުޅުވިއިރު، މިމަހުގެ 11 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކު ވެސް ވަނީ ހުޅުވާފަ އެވެ.