ޑުރަގާއި ގޭންގު ކުއްތަށް ކަމަށާއި އެ ދެ ކަމުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އޮތް މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އަދި ގައުމީ ދެ މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ, އެއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެ ކޮންފަރެންސްގައި އެކަމާ ގުޅޭގޮތުން، ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖުތިމާޢީ އެއް މައްސަލައަކީ، އެއް ގަހެއްގެ ދެ ގޮފި. އެއީ މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތައް. މިކަމުގެ އެންމެ ފުނުގައި ވަނީ، އިންތިޒާމުވެ ރޭވިގެން ހިންގާ ކަންކަން. އޭގެފަހަތުގައި ސިޔާސީ ނިޔަތާއި، މާލީ ނަފާގެ ސަބަބުތައް ޝާމިލުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ ގޮންޖެހުން ބޮޑު، ހުރަސްތައް ގިނަ، ބުރަ މަސައްކަތެއް ކަމަށެވެ. އަދި މި ކޮންފަރެންސްގައި، މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު ކަމަށާއި އެއީ މީގެ ޙައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން," ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް އަނެއް ބޮޑު މައްސަލަ އަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ރަށްރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް ވިދާޅުވި އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުމާއި ނޭދެވޭ އަސަރަކީ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ބޭނުމުގާ ކުރާކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށެވެ.

"މިއަދު މިފެށޭ ކޮންފަރެންސަކީ މިދެންނެވި ގޮތުން ފާހަގަ ކުރެވިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރުމުގެ މަހައްލު. ހައްލު ހޯދާ ގޮތް ހޯދުމުގެ މަރުހަލާ. މިވަގުތަށް ހޯދަންޖެހޭ ހުރިހާ ޖަވާބެއް ތިޔަބޭފުޅުންގެ [ކައުންސިލަރުންގެ] މަޝްވަރާތަކުން ހޯއްދަވާނެ ކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑު ނުކުރަން،" ރައީސް ވިދާޅުވި އެވެ.