ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މިއަދު ބޭއްވި ދެވަނަ ސެޝަންގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ގޮތްތަކެއް ހޯއްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ޗެއާކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަޒުކަޒީ ގާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރު ބޮޑުކުރުންކަން ފާހަގަކުރެއްވި އެވެ. އަދި އެކަންކުރަން ކަނޑައެޅިފައި އޮތީ ޕްލޭން އެކުލަވާލާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު އެބަޔަކު ބޭނުންވާ ވިސްނުމެއް އޭގައި ހިމެނޭ ގޮތަށް ޕްލޭން އެކުލަވާލައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ގާނޫނަށް ގެނެވުނު މި ބަދަލާއެއްގޮތަށް ބިނާ ވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ މިއަދު ބޭއްވި ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ އެކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޗެއާ ކުރެއްވި މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ، ފާތުމަތު އަފްޝަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު، އަލީ ނިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

މި ސެޝަންގައި ވެސް "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރެއިން ބިނާވެށި ޕްލޭނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުސަތު ދެއްވި އެވެ.

ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ލޭންޑްޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމާއި އަދި އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުތަކަށް އެންމެ ދަތިވާކަންތައްތައްކަމުގައި އެ މިނިސްޓްރީއަށް ފާހަގަކުރެއްވޭ ކަންކަން ވިދާޅުވެ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ގެންގުޅެވިދާނެ ލުއިފަސޭހަ ގޮތްތަކެއް ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ޕެނަލްގައި ހިމެނިވަޑައިގެންނެވި މިނިސްޓަރު މައުސޫމް ވަނީ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ޓޫރިޒަމްގެ ދާއިރާއިން ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި މިނިސްޓަރު ޝައުނާ ވަނީ ބިނާވެށި ޕްލޭން ތަރައްގީކުރުމާއި ރަށްރަށުގައި ތަރައްގީގެ އެކިއެކި މަސައްކަތްތައް ކުރިޔަށްގެންދާއިރު ތިމާވެށީގެ ދާއިރާއިން ވިސްނުން ބަހައްޓަންވީ ކަންކަން ފާހަގަކުރައްވާފަ އެވެ.

މި ފުރުސަތުގައި ކައުންސިލަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ޖަވާބުދެއްވަމުން ރައީސް ވަނީ ބިނާވެށި ޕްލޭނާއި ގުޅޭގޮތުން މިއަދުގެ ސެޝަންގައި ކުރިޔަށްދިޔަ މަޝްވަރާތަކުގެ އަލީގައި ކުރިޔަށްވުރެ ފަސޭހައިން ކަންކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ދެން މި ސެޝަންގައި ކައުންސިލަރުން، އަތޮޅު ކައުންސިލްތަކުގެ އިހުތިސާސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންމުގައި ވެސް ގާނޫނީގޮތުން ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވައި ބަދަލެއް ގެންނަވަން ޖެހޭނަމަ އެބަދަލެއް ގެނެސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލްތަކުން ފާހަގަކުރެއްވި ސިވިލްސާވިސް ކޮމިޝަނާއި ގުޅުންހުރި ކަންކަން އެކޮމިޝަނާ ޙިއްޞާކޮށްދެއްވައި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާދަމާ ވެސް ދެ ސެޝަނެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އޮންނަ މި ކޮންފަރެންސްގެ ތިންވަނަ ސެޝަން ކުރިޔަށްދާނީ "ރަށުތަރައްގީގައި އަންހެނުން" މި މައުލޫއަށެވެ. އަދި އެންމެ ފަހު ސެޝަން، ހަތަރުވަނަ ސެޝަން ކުރިޔަށްދާނީ ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާ ބެހޭ ގޮތުންނެވެ.

ރައީސްގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސްއަކީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ކުރިޔަށްދާ މި ކޮންފަރެންސް އެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އތމ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވަ އެވެ.