ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު މާލެ ވަޑައިގެންފި އެވެ.

މި ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ބިނާވެށި ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ތަރައްގީގައި އަންހެނުންގެ ކޮމިޓީގެ ދައުރާއި ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާއި ގުޅޭގޮތުން 4 ސެޝަނެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ކައުންސިލްތަކަށް ގިނަ ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމާއި، އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދެއްވުމަށް ނިންމުމާއި، ގްރީން ޓެކުހުން ލިބޭ އާމްދަނީ ސީދާ ރަށުގެ ތަރައްޤީއަށް ކައުންސިލްތަކަށް ދޭން ނިންމެވުން ހިމެނެ އެވެ.

ވިއަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި، އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން އުކުޅަހުގައި ބާއްވާފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހާއްސަ ކޮންފަރެންސް އެވެ.