ކ. ތިލަފުށީގެ އުތުރު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ރަށުގެ އުތުރު ފަރާތު އެމްޑަބްލިއުއެސްސީގެ ސައިޓާ ދިމާލު އެއްގަމު ތޮށި ވަރަށް ބޮޑަށް ހަލާކުވެގެން އަލުން ތޮށިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުރި އޮތީ ވަރަށް ބަލިކަށި އޮތް ތޮށިގަނޑެއް. އެތަނުގެ ބޮޑު ބައެއް ހަލާކުވެގެން އެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ހިލަ ޖަހައި އަލުން ތޮށިލާން ނިންމީ،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ފެށި މަސައްކަތް މިހާރު ނިމެން ކައިރިވެފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ ތިލަފުށީގެ އުތުރު ފަރާތު ގޮނޑުދޮށުން ގާތްގަނޑަކަށް 100 ވަރަކަށް މީޓަރުގެ ދިގުމިނުގެ ސަރަހައްދެއް ގިރާލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ހިމާޔަތްކުރަން އެއްގަމުތޮށިލުމަށް ބޭނުންވާ ހިލައިގެ ރިވެޓްމަންޓް ޖަހާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔައީ އެ ސަރަހައްދުގެ ކައިރީގައިވާ ބިންތަކާއި، އެ ސަރަހައްދުގެ އިމާރާތްތައް ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ރަށުގައި މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ގިނަ އަދަދެއްގެ ކުންފުނިތަކުގެ ގުދަންތަކާއި ވޯކްޝޮޕް އަދި ބޯޓު ޔާޑް ހިންގަ އެވެ.