ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން އައިޑީކާޑާއި މައުލޫމާތު ހުށައަޅާ ފަރާތްތަކުގެ މައުލޫމާތު ހޯދައިގެން އަދާލަތު ޕާޓީއަށް މެމްބަރުން ވައްދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ތުހުމަތު ކުރައްވައިފި އެވެ.

މެމްބަރު މޯޑުގެ މިތުހުމަތުތައް ކުރިމަތިވީ އޭނާގެ މަންމައާއި ބައްޕަ އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި އޮތްކަން ހާމަވުމާގުޅިގެންނެވެ.

މޯޑު ވިދާޅުވީ އޭނާގެ ބައްޕައާއި މަންމަ އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ހިމަނާފައި ވަނީ ނޭނގި ކަމަށެވެ.

ހައްޖަށް ދިއުމަށް ފޯމު ހުށަހަޅައިގެން އޭނާގެ މަންމަ އާއި ބައްޕަ ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވީ މީގެ ދެތިން އަހަރު ކުރިން ކަމަށާއި އެ ކުންފުނިން ނޫން ގޮތަކަށް މައިންބަފައިންގެ އައިޑީ ކާޑު އަދާލަތު ޕާޓީ އަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި މަންމައާއި ބައްޕަ އަދާލަތު ޕާޓީގެ ދަފްތަރުގައި ހިމަނާފައިވަނީ ވަނީ އެމީހުންނަށް ނޭނގި "ވަގަށް" ކަމަށާއި އެކަން އެގޮތަށް ކުރީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީ ގުޅިގެން ކަމަށްވެސް މޯޑު ތުހުމަތު ކުރައްވަ އެވެ.

ނަމަވެސް އަދާލަތު ޕާޓީން އެކަން ދޮގުކުރެ އެވެ. އަދާލަތުން ބުނީ ހައްޖު ކޯޕަރޭޝަނަށް ހުށައަޅާ ފޯމުތައް ވަގަށް ނަގައިގެން އަދާލަތަށް މެމްބަރުން ހަމަ ނުކުރާ ކަމަށެވެ.

މެމްބަރު މޯޑުގެ މަންމައާއި ބައްޕަ އަދާލަތަށް ވައްދާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދުވެސް ވަނީ ވަގަށް އެމްއެންޕީއަށް ވައްދާފަ އެވެ. އަދި ޕީޕީއެމްގެ 5 ކައުންސިލަރުން އެކި ޕާޓީތަކަށް ވައްދާފައިވާ މައްސަލައެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.