މިހާރު ރާއްޖޭގެ ވެރިކަމުގައި ތިބީ ހަގީގަތުގައި ލާމަރުކަޒީ ގާނޫނޫ ދަންނަ ބައެއް ނޫން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް އިސްލާހު ގެންނަން މޯލްޑިވްސް ނެޝެނަލް ޕާޓީއިން ހުށަހެޅި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންތައްވެސް ފާސް ނުކޮށް ކައުންސިލްތަކުގެ އަތް ބަނދެގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ޕްލޭނިން މިނިސްޓަރު ކަމަށެވެ. އެގޮތުން 55 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހުށަހަޅާފައިވާއިރު، އޭގެން އެޕްރޫވްކޮށްފައި އޮތީ އެންމެ ހަތް ރަށުގެ ލޭންޑް ޔޫސް ޕްލޭން ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"ރުށްގަސް ގުނަން ޖެހޭތީވެ ލޭންޑް ޔޫސް ޕްލޭންތައް ފާސްނުކުރެވިގެން. ރާއްޖޭގައި ކިތަންމެ ބޮޑު ރަށެއްގައި ވެސް ރުށް ގަސް ގުނޭނެ ދެ ހަފްތާ ތެރޭގައި. އެންމެ ބޮޑެތި ރަށްތަކުގައި ވެސް. ނައިފަރުގައި ނުހުންނާނެ ރުށްގަހެއް. އެކަމަކު ކީއްވެގެންތޯ މި އުޅެނީ ލޭންޑް ޔޫސް ޕްލޭން އެޕްރޫވް ނުވެގެން. މިހިރީ ދައްކާ ޖޯކު ވާހަކަ. ކަމަކަށް ކަމެއް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ ހުރެ ކައުންސިލްތަކަށް މީހުން ވެސް އައްޔަނުކުރަން ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި އެކަމާ ހުރެ ކޮންޓްރެކްޓަށް މީހުން ނަގަން ޖެހޭތީ ގާބިލު މީހުން ނުލިބޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މާލީ ބާރުވެރިކަން ގާނޫނުގައި އެބަ އޮވޭ ލިބިފަ. އެހެންނަމަވެސް މިއުޅެނީ ކައުންސިލްގައި ހުރި ވަޒީފާތަކަށް މީހަކު ނުނެގިގެން. ވަރަށް ރަނގަޅަށް ލާމަރުކަޒީ ވެފައެއް ނޫންތޯ މިއޮތީ. ހުރި ވަޒީފާތަކަށް ނުނެގިގެން މިއުޅެނީ ސިވިލް ސާވިސް ކޮމިޝަނާ ކައުންސިލާ ދޭތެރޭގަ އެބަޖެހޭ ދުވަން، ފިނޭންސް މިނިސްޓްރީއާ ކައުންސިލާ ދޭތެރޭ އެބަޖެހޭ ދުވަން، ޕްލޭނިން މިނިސްޓްރީއާ ކައުންސިލާ ދޭތެރޭ އެބަޖެހޭ ދުވަން،" އޭނާ ވިދާޅުވި އެވެ.