ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، ސައްހަ ނޫން ފޯމް ހުށައަޅާ ސިޔާސީ ޕާޓީތަކާއި، އެ ޕާޓީއެއްގެ ރަޖިސްޓްރާ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ފާއިތުވި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީއަކުން ހުށަހަޅާފައިވާ، ސައްހަނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް ދިހާ ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ޖުރުމާނާ ކުރަން ފަށާ ގޮތަށް ވެސް ފާސްކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

މިއީ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެ މައްސަލަހައްލުކުރުމުގެ ގޮތުން ޕާޓީތަކުން ހުށައަޅާ ފޯމުގައި ސޮއިކުރާ މީހުންގެ ވަނަވަރު އެ ކޮމިޝަނުން މިހާރު އަންނަނީ އާންމު ކުރަމުންނެވެ.

އެމްއެންޕީ އުފެއްދުމުގެ ފޯމް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނީ. ގިނަ އަދަދަކަށް ވަގު ފޯމްތަކެއް ހުށަހެޅިކަމުގެ ތުހުމަތު އެ ޕާޓީއަށް ކުރޭ. ފޮޓޯ: އިލެކްޝަންސް

ސައްހަ ނޫން ފޯމް ހުށައަޅާ ޕާޓީތައް ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދުއަށް އެނގިވަޑައިނުގެން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ވައްދާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.