ތިލަމާލެ ބްރިޖްގެ މަޝްރޫއާއި ގުޅުވައިގެން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރަށްވައިފި އެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ މެދުތެރޭގައި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރަން ފެށޭނެ ކަމަށް ބްރިޖް މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ވަނީ ބުނެފަ އެވެ. އަދި މިމަޝްރޫއުގެ މަސައްކަތް ކުރަމުން ރާއްޖޭގައި 1000 އަށް ވުރެން ގިނަ މުވައްޒަފުން ހަރަކާތެރިވާނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މިކަމާ ގުޅިގެން މެންބަރު ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީއެ ކުންފުނިން އުޅެނީ އިންތިހާބުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓް ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރަން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓު" ގެ ނަމުގައި އެއްވުންތަކެއްވެސް ބާއްވަމުންނެވެ. އިދިކޮޅުން އެފަދައިން ބުނިނަމަވެސް، ސަރުކާރުން ދަނީ އިދިކޮޅުން ދައްކާ އެފަދަ ވާހަކަތަށް ދޮގު ކުރަމުންނެވެ.

މިދޔަ މަހު ރައީސް ސޯލިހް ނެރުއްވި ގަރާރަކުން ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލުމާއި އިންޑިއާއަށް ފާޑުކިޔުން މަނާކޮށްފަ އެވެ. އެގަރާރު ނެރުނު ފަހުން އިންޑިއާ އައުޓް ޖަހާފައި ހުރި ގިނަ އަދަދެއްގެ ބެނާތައް ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.