ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަދި މިހާރު ހިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އޮފީހުގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބާއްވާ ހާއްސަ ހަފްލާއެއް މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ.

މިހަފްލާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސް އޮފީހުގެ ދާއިމީ ވަޒީފާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، 11 ނޮވެންބަރު 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އެތައް ބޭފުޅުންނެއް ހިދުމަތްކޮށްދެއްވާފައިވާއިރު، އެ ބޭފުޅުންގެ ހިދުމަތް ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ މިރޭގެ ހަފްލާގައި، ރައީސްގެ އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޭފުޅުންގެ ތެރެއިން ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އެރުވުމަށް ހަމަޖެހިފައި ވަނީ އެބޭފުޅުންގެ ހަނދާނަށެވެ.