އިންޑިއާގެ ޓީވީ ބަތަލާ ޖޭސްމިން ބަސީނަށްވެސް ބޮލީވުޑް ފިލުމަކުން ފުރުސަތު ލިބިއްޖެ އެވެ.

ޑްރާމާ ސިލްސިލާ "ދިލް ސޭ ދިލް ތަކް" އާއި "ނާގިން 4"ގައި މަސައްކަތް ކޮށްފައިވާ ބަތަލާ ޖޭސްމިން އަށް ބޮލީވުޑް ފިލުމެއް ކުޅެން ފުރުސަތު ލިބުނީ ވިކްރަމް ބަޓް ލިޔެ ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ. އަދި މިފިލްމުގެ ސޫޓިންތައް ޖޭސްމިން އަންނަ ޖުލައި މަހު ފަށާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

Adv by Coca Cola
Coca Cola
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

"ރާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކްރަމް އަކީ 2020 ގެ "ހެކްޑް" އިން ޓީވީ ބަތަލާ ހީނާ ޚާން ވެސް ބޮލީވުޑަށް ނެރުނު ޑައިރެކްޓަރެވެ.

އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށް ޖޭސްމީން ވަނީ ގިނަ ބައެއްގެ ލޯބި ލިބިގެން ގޮސްފަ އެވެ.

މީގެ ކުރިން ހިންދީ ބައެއް ލަވަތަކުން ފެނިގެން ގޮސްފައިވާއިރު ޖޭސްމީން ވަނީ މީގެ ކުރިން ތަމަޅަ، ކަންނާޑާ، ތެލެގޫ އަދި މަލަޔާޅަމް ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

31 އަހަރުގެ ޖޭސްމީން ވަނީ މީގެ ހަފުތާއެއް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ޖޭސްމިން ބޮލީވުޑަށް ނުކުންނަން ތައްޔާރު މި ވަނީ ލޯބިވެރިޔާ ޓީވީ އެކްޓަރު އަލީ ގޯނީއާ ވަރަށް އަވަހަށް ކައިވެނި ވެސް ކުރަން އުޅޭ ކަމަށް އަޑުއަރާފައި ވަނިކޮށެވެ.