މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ "ގޮނޑިކޮއްކޮ" އަކަށް ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި މައްސަލާގައި މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑު ކިޔުންތަކާ ގުޅިގެން ދެއްކެވި ވާހަކަތަކުގަ އެވެ.
މަޖިލީހުން މިމައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ވިޕެއް ނެރެގެން ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރުކަމަށް ސިފަކުރައްވާ ބޮންޑެ ވިދާޅުވީީ، ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށް ކަމަށެވެ. އެހެންކަމުން މިކަން އެނޫން ގޮތަކަށް ހަދަންޖެހޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވިޕު އޮތީ ބާރު ގަދަ ފަރާތް ނުވަތަ ސަރުކާރުގެ އަތުގައި ކަމަށެވެ.
"އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޔަގީން އަޑުއައްސަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު ޒަކީ އިންނެވިއިރުގައި ވިދާޅުވެފައި އޮތް ތިމަންނާއަކީ ހަމަ މިތާގައި އިންނަ 'ގޮނޑި ކޮއްކޮ' އެކޭ. ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިން މީހެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ސަރުކާރުން ކުށްވެރި ކޮށްފައި ނުވާތީ އިދިކޮޅުން މަޖިލީހަށް މިއަދު ހުށައެޅި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.