މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒްގެ މޭކަޕް ބްރޭންޑް "ރެއާ ބިއުޓީ"ގެ އުފެއްދުންތައް އިޒްރޭލުގެ ފިހާރަތަކެއްގައި ވިއްކަން ފެށުމަށް ތައްޔާރު ވަމުންދާތީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒު ވެއްޖެ އެވެ.

އޮގަސްޓް މަހުން ފެށިގެން އިޒްރޭލުގެ "ބީ ފާމް" ފިހާރަތަކުންނާއި އެ ކުންފުނީގެ މޯބައިލް އެޕް މެދުވެރިކޮށް ރެއާ ބިއުޓީގެ އުފެއްދުންތައް ލިބޭނެކަން ވަނީ އިއުލާން ކޮށްފަ އެވެ.

ނަމަވެސް، މިއީ ސެލީނާގެ ކުންފުންޏާއެކު ވެވުނު ރަސްމީ އެއްބަސް ވުމެއްގެ ދަށުން ހިނގާ ކަމެއް ނޫންކަން މީޑިއާއަށް ވަނީ އެނގިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުގައި މި އުފެއްދުންތައް ވިއްކަނީ "ޕެރެލެލް އިމްޕޯޓް" ނިޒާމުގެ ދަށުންނެވެ. މިއީ ބްރޭންޑްގެ ރަސްމީ އޭޖެންޓެއްގެ ގޮތުގައި ނޫން ގޮތަކަށް، ވިޔަފާރިވެރިން އަމިއްލައަށް އެހެން ގައުމުތަކުން އަސްލު އުފެއްދުންތައް ގަނެގެން އެތެރެ ކޮށްގެން ވިއްކާ އުސޫލެވެ.

"ބީ ފާމް" އިން އޭލާތުގައި ބޭއްވި ހަފްލާއެއްގައި ބުނެފައިވަނީ، އިޒްރޭލުގައި ރެއާ ބިއުޓީއަށް އޮތް ބޮޑު ތަރުހީބަށް ބަލައި، އެތައް މިލިއަން ޝެކެލް (އިސްރާއީލު ފައިސާ)ގެ އުފެއްދުންތައް އެތެރެ ކޮށްފައިވާ ކަމަށެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން، އިޒްރޭލުގެ ފިހާރަތަކުން ސެލީނާގެ ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށް ފައެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ "ރެއާ ބިއުޓީ" ބޮއިކޮޓް ކުރުމަށް ގޮވާލާފަ އެވެ.

"އޭނާއަށް (ސެލީނާއަށް) އަދިވެސް އިތުރަށް ބޭނުންވަނީ ކިހާ ފައިސާއެއްބާ؟" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.

އެއާއެކު "ފްރީ ފަލަސްތީން"ގެ ޝުއޫރު ފާޅުކޮށް ސެލީނާއަށް ސަޕޯޓު ކުރުން ހުއްޓާލިކަމަށްވެސް ބައެއް ސަޕޯޓަރުން ބުނެފައިވެ އެވެ.

ނަމަވެސް ބައެއް މީހުން ފާހަގަ ކޮށްފައިވާ ގޮތުގައި، މިއީ "ޕެރެލެލް އިމްޕޯޓް" އަކަށްވާތީ، މީގައި ސެލީނާއާއި ރެއާ ބިއުޓީގެ ސީދާ ބައިވެރިވުމެއް ނެތުން އެކަށީގެންވެ އެވެ.

މި ކަމާ ގުޅިގެން ސެލީނާ ނުވަތަ ރެއާ ބިއުޓީ ކުންފުނިންވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.