ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރުގެ ދާއިރާ އިން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ މި ދައުރު ނިމޭއިރު ރައީސްގެ ވައުދުތައް ފުއްދޭނެތޯ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަހްލޫފް ވިދާޅުވީ ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި މަސައްކަތްތައް ރައީސް ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ މާރަނގަޅަށް ވެސް ކުރެވިއްޖެ ކަމަށާއި ކުރެވުނު މަސައްކަތްތައް ރަށްރަށުން މިއަދު ފެންނަމުންދާ ކަމަށެވެ. ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަށް ހީނުކުރާ ވަރުގެ ބަދަލުތަކެއް އައިސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް، ރައީސް ވައުދުވެ ވަޑައިގެންނެވި ކަންކަމަށްވުރެވެސް މާރަނގަޅަށް ކުރެވިއްޖެ. ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަޅުގަނޑުމެންނަށް މުޅި މިދާއިރާއަށް ގެނެވިއްޖެ. އެކަމަކުވެސް އަދިވެސް އަޅުގަނޑުމެން ގައުމުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ވީހާވެސް ބޮޑަށް މިބަދަލު ގެނެސްދެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް މިހެން ވިދާޅުވި ނަމަވެސް، މިއަދުވެސް ގިނަ މެމްބަރުންގެ ސުވާލުތަކުގައި ވަނީ އެދާއިރާތަކުގައި މިނިސްޓްރީން ކުރަންޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމުގެ ސުވާލުތައް ކުރައްވާފަ އެވެ. ބައެއް މެމްބަރުން ވަނީ ވަޒީރާއި ނުގުޅޭކަމުގެ ޝަކުވާއާއި، ވަޒީރާ ގުޅޭނެ ގޮތެއް ނެތްކަމުގެ ޝަކުވާވެސް ކޮށްފަ އެވެ.

މި ސަރުކާރުން ކުޅިވަރުގެ ދާއިރާއާ ގުޅޭ ގޮތުން ވެފައިވާ ވައުދުތަކުގެ ތެރޭގައި އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމާއި ކުޅިވަރުގައި އަންހެނުންގެ ދައުރު ބޮޑު ކުރުމާއި ކޮންމެ ރަށެއްގައި ފުޓުބޯޅަ ސްޓޭޑިއަމްތަކާއި އިންޑޯ ސްޕޯޓްސް ސްޓޭޑިއަމް އެޅުން ހިމެނެ އެވެ.