އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އަރުވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަތުނުލައްވާނެކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މިކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ރައީސް ސޯލިހު ދެއްވި ޖަވާބުންނެވެ.
ބޭރުގެ އިއްޒަތްތެރިންނަށް، ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަތުން އެ ލަގަބު އަތުލާނެތޯ ސުވާލުކުރުމުން އެ ސުވާލަށް ރައީސް ސޯލިހު ޖަވާބު ނުދެއްވި އެވެ. އަދި މުސްލިމުންނަށާއި އިސްލާމްދީނަށް އިންޑިޔާގެ ބީޖޭޕީއިން ކުރާ އަނިޔާތަކާއި ފުރައްސާރައާ ގުޅޭގޮތުން ވެސް ރައީސް ސާލިހު ވާހަކަފުޅެއް ނުދެއްކެވި އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
"ތި ހިނގައިގެން އުޅޭ ކަމަކީ ވަކި ޕާޓީއެއްގެ ވަކި މީހަކު ކޮށްގެން އުޅޭ ކަމެއް ކަމުގައި އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ" ސޯލިހު ވިދާޅުވި އެވެ.
2014 ވަނަ އަހަރުން ފެށިގެން އިންޑިޔާގައި މުސްލިމުންނާ ދެކޮޅު ކަންތައް ހިނގަމުންދާއިރު މޯދީއަށް އެެރުވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު އަތުލުމާ ގުޅޭ ސުވާލުގެ ޖަވާބު ހޯދުމަށް ތަކުރާރުކޮށް ސުވާލުކުރުމުން އެމަނިކުފާނު އެސުވާލުން ރެކިވަޑައިގަތީ އެވެ. ރައީސް ވިދާޅުވީ، އެ ސުވާލަކީ ނުޕޫރު ޝަރުމާގެ ކަންތައް ފެންމަތިވުމުން ކުރިމަތިކުރުވާ ސުވާލެއް ކަމަށެވެ.
"މިހާރު ތި އިޝޫ މިއަދު ކުރިމަތިވެގެން އުޅެނީ އިހަށްދުވެހު ހިނގި ކަމަކާ ގުޅިގެން ނޫންތޯ. އެކަމަކު އެއީ އެއީ. މިއޮތް ހުރިހާ ދުވަހަކު ނުކުރައްވާ. އެހެންވީމަ އެކަމަކާ ގުޅިގެން އަޅުގަނޑު އެކަން ކުށްވެރިކޮށްފިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މޯދީއަށް އެ ލަގަބު އެރުވަން ރައީސް ނިންމެވީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާޏްވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކޮށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.