ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އިތުބާރު އެބައޮތް 53 މެމްބަރުން ވޯޓު ދެއްވައިފި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމުން އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައިވަނީ 11 މެމްބަރުންނެވެ. އަދި އިތުބާރު އޮތް ކަމަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ 53 މެމްބަރުންނެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން 11 މެމްބަރުންގެ ސޮޔާއެކު އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ރޭޕް ނޫން ކަމަށާއި އެއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

އެ މައްސަލައިގައި މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލަ އަކީ ބަހަނާއެއް ކަމަށާއި، އަދި އެއީ ޖަލުގައި އޮތްމީހަކު މިނިވަން ކުރުމަށް ސިޔާސީ ގޮތުން ފިއްތުން ކުރިމަތި ކުރުވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ ހުންނެވީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި، އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ވެއްދީ ސިޔާސީ ގޮތުން އޭނާ މިދިޔަ ދުވަސްތަކުގައި ކޮށްފައިވާ ރަނގަޅު މަސައްކަތްތަކުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ކުރިމަތި ކުުރާ މިފަދަ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަ މީހަކު ނެރެ ދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން،" އިދިކޮޅު ސިޔާސީ ލީޑަރަށް ނިސްބަތްކޮށް ނުސީދާކޮށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވި އެވެ.

"11 މެމްބަރުން ސޮއިކޮށް އަޅުގަނޑާ ދެކޮޅަށް ހުށަހެޅި މައްސަލަ ގުޅެނީ، ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމް ކުރަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަޅުގަނޑު އަދާކޮށްފައިވާ ދައުރާ މެދު."