ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރެއްވުމަށް މިއަދު ހެނދުނު އދ. މާމިގިއްޔަ ވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު މިއަދު މާމިގިއްޔަށް ވަޑައިގެންނެވި އިރު އެ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވަނީ މާމިގިލީ އެއާޕޯޓުން ރައީސަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި އެ ރަށުގެ ބައެއް އާންމުން ވެސް ވަނީ އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ކިޔައިފަ އެވެ.

ރައީސް މާމިގިއްޔަށް ވަޑައިގެންނެވީ ވެސް ގާސިމްގެ ހިއްސާ އޮންނަ ފްލައިމީގެ މަތިންދާބޯޓެއްގަ އެވެ.

ރައީސް ސޯލިހު ކުއްލި ދަތުރުފުޅެއްގައި މާމިގިއްޔަށް ވަޑައިގެންފައިވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ ކޯލިޝަނާ އެކު 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު، އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ އިތުރުން ގާސިމް އިބްރާޙިމްވެސް ވަނީ އަންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމް ހިމެނެ އެވެ. ރައީސް ދެ ވަނަ ދައުރެއް އިއުލާންކުރެއްވި ފަހުން ފުރަތަމަ މި ބައްދަލުކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރާ އެވެ.