ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވި ފަސް މެމްބަރަކަށް އެމްޑީޕީން މިއަދު ފިޔަވަޅު އަޅައިފި އެވެ.

ހަމީދު ވަކިކުރަން އެމްޑީޕީން ނެރުނު ވިޕާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ އެ ހުރިހާ މެމްބަރުންނަށް ވެސް ވިޕާ ހިލާފުވެއްޖެ ނަމަ އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެއީ، ރަސްމީކޮށް ނަސޭހަތް ދިނުމެވެ.

ދެވަނަ ފަހަރު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ނަސޭހަތްދީ މާފަށް އެދެން އަންގާނެ އެވެ. އަދި، ތިންވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑާލާނެ އެވެ. އޭގެ ފަހުން ވިޕާ ހިލާފުވެއްޖެނަމަ ޕާޓީގެ މަގާމުތަކުން ވަކިކޮށް، އެއް އަހަރަށް ޓިކެޓު ނުދޭން ނިންމާނެ އެވެ. އަދި، ފަސްވަނަ ފަހަރު އެމްޑީޕީން ވަކިކުރާނެ އެވެ.