ވޮޝިންޓަން (16 ޖޫން) - ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އެމެރިކާއިން އަނެއްކާ ވެސް ޔޫކްރެއިންއަށް އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވާނެކަން އިއުލާން ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަން އިއުލާން ކުރެއްވީ ޔޫކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންްސްކީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން މިފަހަރުގެ އެހީގެ ޕެކޭޖަކީ އެއް ބިލިއަން ޑޮލަރުގެ އަގުހުރި ޕެކޭޖަކަށްވާއިރު ޕެކޭޖުގެ ދަށުން އާޓިލަރީ ހަތިޔާރާއި ދުރު ރާސްތާ ރޮކެޓް ސިސްޓަމްތަކުގެ އިތުރު ކޯސްޓަލް ޑިފެންސް ހަތިޔާރުތައް ފޮނުވޭނެ އެވެ.

މި އަސްކަރީ އެހީގެ އިތުރުން ބައިޑަން ވަނީ 225 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ވެސް އެމެރިކާއިން ޔޫކްރެއިންއަށް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން ބޯފެނާއި ކާބޯތަކެތީގެ އިތުރުން ބޭހާއި ސިއްހީ އާލާތްތައް މި އެހީގެ ދަށުން ފޮނުވޭނެ އެވެ.

"ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި އެމެރިކާ ދެމިއޮންނާނެ،" ބައިޑަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާއިން ޔޫކްރެއިންއަށް މިދޭ އެހީއަކީ މިހާރު ހަނގުރާމަ ކުރިއަށްދާ ޑޮންބަސްގައި ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލުމަށް ޔޫކްރެއިން އަސްކަރިއްޔާއަށް ލިބޭ އިތުރު ބާރަކަށް ވާނެ އެވެ. -- އަލް އަރަބިއްޔާ