މުސްލިމެއްގެ ހިތުގައި ނަބިއްޔާގެ މައްޗަށް ލޯތްބެެއް ނެތްނަމަ އޭނާގެ އީމާންކަން ފުރިހަމަ ވާނެތޯ ސުވާލު ކުރައްވައި ރަސޫލާ ﷺ ގެ ދިފާއުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ރޭ ވަރުގަދަ ވާހަކަފުޅުތަކެއް ދައްކަވައިފި އެވެ.

"ނަބިއްޔާގެ ދިފާއުގައި" ރޭ އިދިކޮޅުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްވެސް އިންސާނެއްގެ އީމާންކަން އެމީހެއްގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ރަސޫލާ صلى الله عليه وسلم އަށް ލޯބި ކުރުމުން ނޫނީ ފުރިހަމަ ނުވާ ކަމަށް ސުންނަތުން ސާބިތުވާ ކަމަށެވެ. އެކަން އެހެން އޮތީ އެ ނަބިއްޔާގެ މާތްކަމާއި މުޅި އިންސާނިއްޔަތުގެ ދިފާއުގައި ވެވަޑައިގެންފައިވާ އަދި ވެވަޑައިގަންނަވާނެ ގުރުބާނީގެ މަތިވެރި ކަމުގެ ސަބަބުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން. އެކަމަކަށް ޖާގައެއް ނުދެވޭނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން. އެކަމަކަށް ޖާގައެއް ނުދެވޭނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކާއި އިސްރާއީލުން ފަލަސްތީންގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި ތަފާތެއް ނެތް ކަމަށެވެ.

އިންޑިއާއަކީ ވެސް ކުރިން ހުރިހާ ދީންތަކަކާއި ހުރިހާ ނަސްލުތަކަކަށް ފުރުސަތު އޮތް ގައުމެއް ކަމަށާއި ނަމަވެސް ފާއިތުވި ވިއްސަކަށް ފަންސަވީހަކަށް އަހަރުތެރޭގައި ރޭވިގެން ކަންކަން ބަދަލުކޮށްފި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ބައެއް ސްޓޭޓްތަކުގައި ވަކިން ހާއްސަކޮށް އިސްލާމްދީނާއި ދެކޮޅު ހަރަކާތްތައް ހިންގާ ކަމަށާއި އާރްއެސްއެސްގެ ސިޔާސީ ގޮތްޕަކީ މިހާރު އިންޑިއާގެ ވެރިކަމުގައި އޮތް ބީޖޭޕީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމުން އެކަން ކުށްވެރި ކުރުމުގައި ސަރުކާރުން ފަހަތުފަޔަށް ބުރަވެފައިވާ ކަމަށާއި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން ސިޔާސީ ޕާޓީތަކަށް ހުއްދައެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުން އިންޑިއާ އިން ތަކުރާރު ކުރާނެ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.

"ރާޅެއް ނަގަނީ އެއްފަހަރަކު ނޫން. އެއްރާޅަށް ފަހު އަނެއް ރާޅު ނަގާނެ. އެއީ ޠަބީއީ ކަމެއް. އެކަމަށް ތައްޔާރުވާން ޖެހޭ. ރަސޫލާ ﷺ އަށް ފުރައްސާރަ ކުރަން ޖާގައެއް ނުދެވޭނެ. ތަރުޖަމާނުން އެއްފަރާތް ކުރުމަކުން އެކަން އިސްލާމީ އުއްމަތް ގަބޫލެއް ނުކުރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.