މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރައަށް ހިނގާ ހަރަދުތަކުގެ ތަފްސީލު، ކުރިއަށް އޮތް 14 މަސައްކަތު ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް މިއަދު އަމުރުކޮށްފި އެވެ.
އައިކޮމް އިން މިގޮތަށް އަމުރު ކުރީ "އަދަދު" ނޫހުގެ ފަރާތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި މައުލޫމާތުތަކެއް ރައީސް އޮފީހުން ފޯރުކޮށްދީފައި ނުވާތީ، އެ މައްސަލަ ބެލުމަށްފަހުގަ އެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ކަނޑައެޅުއްވީ، އެދިފައިވާ މައުލޫމާތު ދޫނުކޮށް ހިފެހެއްޓޭނެ އެއްވެސް މަގުބޫލު ސަބަބެއް ރައީސް އޮފީހަށް ދެއްކިފައި ނުވާ ކަމަށެވެ.
އެ ނޫހުން އެދިފައިވަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި، އެ މުއްދަތުގައި ވަކިކުރި ނުވަތަ އިސްތިއުފާ ދެއްވި މީހުންގެ ތަފްސީލު ހޯދުމަށެވެ. މީގެ އިތުރުން، އެ މުވައްޒަފުންގެ މުސާރަ އާއި އެކި އިނާޔަތްތަކަށް ދައުލަތުގެ ބަޖެޓުން ހޭދަވި ޖުމްލަ ފައިސާގެ ހިސާބުތައް ހޯދުމަށް ވެސް ވަނީ އެދިފަ އެވެ.
ކޮމިޝަނަރު އާހިދު ވިދާޅުވީ، ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތުގައި މި މައުލޫމާތުތައް ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ އިތުރަށް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. މީގެ ކުރިން ރައީސް އޮފީހުން މި މައުލޫމާތު ދިނުން ލަސްކުރަމުން ދިޔައީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތެއް ކުރިއަށްދާ ކަމަށް ބުނެއެވެ. ނަމަވެސް އެއީ މައުލޫމާތު ހިފެހެއްޓުމަށް ދެއްކޭނެ ގާނޫނީ އުޒުރެއް ނޫން ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހޭތީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން ދާދި ފަހުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.
ޕްރާންސްއަށް އުނދަގޫ މޮޅެއް
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!