މުސްލިމުންނަށް އަނިޔާ ކުރުމުގައި އިސްރާއީލާއި އިންޑިއާގެ ތަފާތެއް ނެތް ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕާޓީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕުރް ޝަރުމާ, ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅުން "ނަބިއްޔާގެ ދިފާއުގައި" ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ޔާމީން ވިދާޅުވީ އިންޑިއާގައި އެންމެ ވަރުގަދަ އަށް ހިންގަމުން ގެންދަނީ ޕޮޕްލަވަތަކެއް ކަމަށާއި އެލަވަތަކުގައި ކިޔައިދެނީ އިސްލާމުންނަށް އިތުބާރު ނުކުރަން ކަމަށެވެ. އިސްލާމުން ޕާކިސްތާނަށް ދާން ޖެހޭނެ ކަމަށް ތުއްތު ކުދިންނަށް ނާސަަރީ ލަވަތަކުގައި ކިޔައިދެމުންދާ ކަމަށާއި މިއީ އިސްރާއީލްގެ ޒަޔަނިސްޓުން ވެސް އަމަލުކުރި ގޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީ އިއްތިފާގެއް ނޫން. މިއީ ރޭވިގެން ކުރާ ކަމެއް. ހަމަ އިސްރާއީލްގެ މިސާލު މިހާރު މިފެންނަނީ." ޔާމީން ވިދާޅުވި އެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބީޖޭޕީއަކީ އިސްލާމުން އިންޑިއާއިން ނައްތާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ ހެކި މިހާރުވެސް އިންޑިއާއިން ފެންނަމުންދާ ކަމަށާއި އެގޮތުން އިންޑިއާ ސަރުކާރުން އެއްވެސް ކުށަކާއި ނުލައި އިންޑިއާގެ މުސްލިމުންނަށް އަނިޔާކޮށް އެބައި މީހުންގެ ގެދޮރަށް ގެއްލުންދެމުން ގެންދާ ދިއުން މިކަމުގެ ހެއްކަކަށް ފުދޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ހިންދޫ ދީނަކީ ހިންދުތުވާ ނޫން ކަމަށާއި ހިންދުތުވާއަކީ ސިޔާސީ ހަރަކާތެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މީހުން ހިންދުސްތާނުގައި އުޅެން ވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ. އާރްއެސްއެސް އުފެދި، އެމީހުންގެ މަގްސަދަކަށްވީ ހިންދުސްތާނަކީ ހަމައެކަނި ހިންދޫން ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. ޔާމީން ވިދާޅުވީ އެމީހުންގެ މަގްސަދަކީ "އެތްނިކް ކްލެންސިންގ" އެއް ނުވަތަ ނަސްލެއް ނައްތާލުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ފަހުގެ ތާރީހުގައި އިންޑިއާއިން ބައިވެރިވާ ހުރިހާ ދާހިލީ ހަމަނުޖެހުންތަކުގައި އާރުއެސްއެސް ބައިވެރިވެފައިވާ ކަމަށާއި އެމީހުންގެ ބޭނުމަކީ ހިންދޫ ކިންގްޑަމެއް އުފެއްދުން ކަމަށެވެ. އަދި އެހެން ދީންތަކުގެ މީހުން ނައްތާލަންޖެހޭކަމަށް ގަބޫލުކޮށްގެން އެމީހުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހިންގާ ކަމަށާއި އާރްއެސްއެސްގެ ސިޔާސީ ގޮތްޕަކީ މިހާރު އިންޑިއާގެ ވެރިކަމުގައި އޮތް ބީޖޭޕީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.