ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާނާއި ފަރުހާން އަޚްތަރު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ނެށުންތައް ތައްޔާރު ކޮށްދީފައިވާ ފަރާ ރާއްޖެ އައިސްފައިވަނީ އޭނާގެ ތިން ކުދިންނާއި ފިރިމީހާ ޝްރިޝް ކުންދަރާ އެކުގަ އެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ފަރާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

ފަރާ ރާއްޖެ އައިސްފައި މި ވަނީ ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީ އެކީގައި ކުޅޭ ފިލްމެއްގެ ލަވައެއްގެ ޝޫޓިން އަށް ކްރޮއޭޝިއޭގައި މިދިޔަ ހަފުތާގައި އުޅުމަށް ފަހު އެވެ. މިދިޔަ ހަފުތާގައި އޭނަ ދިން އިންޓަވިއުއެއްގައި ބުނީ މި އަހަރުގެ ތެރޭގައި އާ ފިލްމެއް ޑައިރެކްޓްކުރަން ވެސް ފަށާނެ ކަމަށެވެ.

ފަރާގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި "މޭހޫނާ" އާއި "އޯމް ޝާންތި އޯމް" އަދި "ހެޕީ ނިއު އިޔާ" ފާހަގަ ކޮށްލެވެ އެވެ.

https://www.instagram.com/p/Ce5hslahMg1/

ފަރާގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ފަރުހާންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ މިހާރުގެ އަންހެނުން ޝިބާނީ ޑަންޑޭކަރާ އެކު އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރާ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ.

https://www.instagram.com/p/Ce241RmgBpM/

މި މަހުގެ 8 ގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރި މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ސީރީޒް "މިސް މާވެލް" ގެ ރޯލެއް ވެސް ފަރުހާން ވަނީ ކުޅެފަ އެވެ.

"ޑޮން" އާއި "ދިލް ޗާހަތާ ހޭ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ޖީލޭ ޒަރާ"އެވެ. މިފިލްމުގެ ތަރިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓެވެ.