އައިލެންޑް އޭވިއޭޝަން ސަރވިސަސްއަށް ކުރިމަތިވެފައިވާ މާލީ ޙާލަތުގެ ސަބަބުން ޤައުމީ އެއާލައިން މޯލްޑިވިއަންގެ ސަލާމާތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.
މިމައްސަލަ ހުށައެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ސައީދު ހުށައެޅި މިމައްސަލަ ވަނީ ބަހުސްކުރަން ނުފެންނަ ކަމަށްބުނެ ބޭރުކޮށްލާފަ އެވެ.
ސައީދު ހުށައެޅުއްވި މައްސަލައިގައި ވަނީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ހިންގުން ބޮއްސުންލާ، ކުންފުނީގެ މާލީ ޙާލަތު މިއިން ޒަމާނަކު ދަށަށްނުދާހާ ދަށަށްގޮސް، ކުންފުނި ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކަމަށާއި 2021 އަހަރުވެސް އެކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، ކުންފުނި މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 2020 ވަނަ އަހަރު މޯލްޑިވިއަން އިން 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާ، މައި ކުންފުނި އައިލޭންޑް އޭވިއޭޝަން ސަރވިސްއަށް އެސްބީއައިއިން ދޫކޮށްފައިވާ އޮވަރ ޑްރާފްޓް ފެސިލިޓީ (ދަރަނީގެ) އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށް، އަދި ލޯނުތައް ނެގުމަށް މޯލްޑިވިއަންގެ 6 މަތިންދާ ބޯޓު ރަހުނުކޮށްފައިވާކަންވެސް ސައީދު ފާހަގަކުރައްވާފައިވެ އެވެ.
" އެމްއޭސީއެލްއަށް ވެސް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިފައިވާތީއާއި، މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ފިނޭންސް މިނިސްޓްރީން 15- 18 މިލިއަން ރުފިޔާ ދީގެން ކަމަށް ވާތީއާއި، ކުންފުނީގެ ޙާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓުމުގެ ސަބަބުން މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދަމަހައްޓަން ޖެހޭ އަދި ހިފަހައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި، ފަހަކަށް އައިސް މަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދިއުމާއި، މަތިންދާ ބޯޓުގެ ޓަޔަރުތައްވެސް ބަދަލު ކުރަންޖެހޭ މުއްދަތަށް ބަދަލު ނުކުރެވި ބައެއް ބޯޓުތައް ސްޕެއަރ ނުލިބި ގްރައުންޑް ކުރުމުގެ މައްސަލަތަ ކުރިމަތިވަމުންދޭ" ސައީދު ވިދާޅުވި އެވެ.
މޯލްޑިވިއަންއަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ފަތުރުވެރިން ދަތުރުކުރާ އެއާލައިނެއް ކަމަށްވާތީ، އިސްވެ ދެންނެވި ކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި، ކުންފުނީގެ މަތިންދާބޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް މި މައްސަލައިގައި ގޮވާލާފައިވެ އެވެ.