އާންމުގޮތެއްގައި ބަރުދަން ލުއިކުރުމަށާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އަޅުގަނޑުމެން ވިސްނަނީ ކާނާއާއި ކަސްރަތަށެވެ. ނަމަވެސް، ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ރޭގަނޑު ހަ ގަޑިއިރަށްވުރެ މަދުން ނިދުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވެ، ފަލަވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ދުވާލަކު 8 ގަޑިއިރަށްވުރެ މަދުން ނިދާނަމަ ހަށިގަނޑުގެ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ އެކި ކަންކަމުގައި ބަރުދަން އިތުރު ކޮށްދޭ ކަންކަމަށް މަގުފަހުވެ އެވެ.

ނިދި މަދުވުމުން ބަރުދަން އިތުރުވަނީ ކީއްވެ؟

ސިއްހީ މާހިރުން ވަނީ ނިދި މަދުވުމުން ބަރުދަން އިތުރުވާ މުހިންމު 4 ސަބަބެއް ފާހަގަ ކުރައްވާފަ އެވެ.

  1. ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތައް ގަޑުބަޑުވުން: ހަށިގަނޑުގައި ގްރެލިންއާއި ލެޕްޓިން ކިޔާ ދެ ހޯމޯނެއް ހުރެ އެވެ. ގްރެލިންއަކީ ބަނޑުހައިކަން އިހުސާސް ކޮށްދޭ ހޯމޯނެވެ. އަދި ލެޕްޓިންއަކީ ބަނޑު ފުރިއްޖެކަން ސިކުނޑިއަށް އަންގައިދޭ ހޯމޯނެވެ. ނިދި މަދުވުމުން ގްރެލިން އިތުރުވެ، ލެޕްޓިން މަދުވެ އެވެ.މީގެ ނަތީޖާއަކީ މީހާ އަބަދު ބަނޑުހައިވެ، ކާ ހިތްވުމެވެ.
  2. ކޯޓިސޯލް އިތުރުވުން: މަދުން ނިދުމަކީ ހަށިގަނޑަށް ސްޓްރެސް ދޭ ކަމެކެވެ. މީގެ ސަބަބުން ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލް ލޭގައި އިތުރުވެ އެވެ. ކޯޓިސޯލް މަތިވުމުން ހަށިގަނޑުގައި ސަރުބީ ޖެހުމަށް މަގުފަހިވެ އެވެ.
  3. ފޮނި އެއްޗެހި ކާހިތްވުން: ނިދި ހަމަނުވާނަމަ ސިކުނޑީގެ ނިންމުންތައް ނިންމާ ބަޔަށް ވަރުބަލިކަން އިހްސާސް ކުރެވެ އެވެ. މީގެ ސަބަބުން ސިއްހަތަށް ފައިދާހުރި ކާނާގެ ބަދަލުގައި، ގިނައިން ކެލޮރީއާއި ހަކުރު އަދި ތެޔޮ ހުންނަ ކާނާ ކެއުމަށް ސިކުނޑި ބާރުއަޅަ އެވެ.
  4. މެޓަބޮލިޒަމް ލަސްވުން: ނިދި މަދުވުމުން ހަށިގަނޑުން ކެލޮރީ އަންދައިދޭ މިންވަރު ދަށްވެ އެވެ. އަދި ވަރުބަލިކަމުގެ ސަބަބުން ދުވާލު ގަޑީގައި ހަރަކާތްތެރިވެ އުޅުމަށް އުނދަގޫވެ، ކަސްރަތު ކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެ އެވެ.

ރަނގަޅު ނިންޖެއް ހޯދުމަށް ކުރެވިދާނެ ކަންކަން

  • ގަވާއިދުން ނިދާ ގަޑިތަކެއް ހިފެހެއްޓުން: ކޮންމެ ރޭގަނޑަކުވެސް އެއް ގަޑިއެއްގައި ނިދަން އޮށޯވެ، ހެނދުނު އެއް ގަޑިއެއްގައި ތެދުވުމުގެ އާދަ ހިފެހެއްޓުން.
  • ސްކްރީނުތަކާ ދުރުވުން: ނިދުމުގެ އެއް ގަޑިއިރު ކުރިން ފޯނު، ޓީވީ އަދި ކޮމްޕިއުޓަރު ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން.
  • ކެފެއިން މަދު ކުރުން: ހަވީރުގެ ވަގުތުތަކުގައި ސައި ނުވަތަ ކޮފީ ބުއިމުން ދުރުހެލިވުން.
  • އަރާމު މާހައުލެއް ގާއިމު ކުރުން: ނިދާ ކޮޓަރިއަކީ އަނދިރި، އަދި އަޑުގަދަ ނޫން އަރާމު ތަނަކަށް ހެދުން.

ހަނދާން ކުރާށެވެ: ބަރުދަން ލުއިކުރަން ބޭނުންނަމަ ކެއުމާއި ކަސްރަތެކޭ އެއްވަރަށް ރޭގަނޑު 7 އާއި 8 ގަޑިއިރާ ދެމެދުގެ އަރާމު ނިންޖެއް ހޯދުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.