ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް ނެދަލޭންޑްސްގެ ކުންފުނިން ހިންގާ "ބިޔަ މަޝްރޫއު" ސަރުކާރުން ހުއްޓުވާފައިވާ ކަމުގެ ތުހުމަތާ އެކު އެކަން ދެން އިތުރަށް ނުގެންދެވޭނެކަން އެ ކުންފުންޏަށް ލަފާއަރުވަން ވިސްނަވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި ފަސް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅެއްގައި 5،000 ގެދޮރު އެޅުމަށް ނިންމާފައިވެ އެވެ. އެތަނުގައި ފުރަތަމަ ހަދާ ގެތަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ވެގެންދާނެ ކަމަށް ޑަޗްޑޮކްލެންޑުން ބުނެފައިވެ އެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ފްލޯޓިން ސިޓީ ތަރައްގީކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.

އެ ކުންފުނިން ބުނީ އެތަނުގައި ހަދާ ފުރަތަމަ ގެތައް މިދިޔަ ރޯދައަށް ފަހު ތައްޔާރުކޮށް ނިމޭނެ ކަމަށާއި، ދުވަސްކޮޅެއް ފަހުން އާއްމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް އެ ގެތައް ދައްކާލާނެ ދުވަހެއް ނުބުނެ އެވެ. މި ގެތައް ހަދަނީ ނެދަލެންޑްސްގެ އިންޖިނިއަރުން ޑިޒައިންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށް ރާއްޖޭގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފަށާފައިވާ ފްލޯޓިން ސިޓީގެ ޕްލޭނުގައިވާ ގޮތުން އެތަނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް ހަދާން ނިންމާފައިވެ އެވެ.

ބައިނަލްއަގުވާމީ މީޑިއާގައި ސަމާލުކަން ލިބިފައިވާ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ވާހަކަ މީޑިއާތަކުގައި ދެކެވުނަސް ސަރުކާރުން ވަނީ އެކަން ހުއްޓުވާފައި ކަމަށެވެ. އެ ސިޓީ ކުރިއަށް ނުގެންދަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވެރިކަމުގައި ގެނައި ޕްރޮޖެކްޓް، ޑަޗް ޑޮކްލެންޑްސް އަށް އެކަން ކުރެވޭނެ އެއްގޮތެއް ވެސް ސަރުކާރުން ނުދެއްކި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކަމުން ކުރިއަށް ނުގެންދަވަނީ. އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު އިސްވެޓްމަންޓް ސަރުކާރުން ހުއްޓުވި ކަމަށް ތުހުމަތުކުރައްވާ ނަޝީދު ވިދާޅުވީ އެގޮތަށް އަމަލުކުރުން އެއީ "ބޮޑުވަރު" ކަމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ކުރިއަށްދާ މަޝްރޫއަކީ ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ޑޮކްލޭންޑް އިންޓަނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ނުދާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވީ ނަމަވެސް އެ މަޝްރޫއުގެ ދަށުން އަޅާ 5،000 ފްލޯޓިން ގޭގެ ތެރެއިން ގެއެއް ހުންނާނެ ގޮތުގެ ނަމޫނާއެއް ހެދުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަަށްވާ ބައިސަން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން އަލުން ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.