އިރާގުގެ ބިންގަނޑު ހަނަފަސްވުމުގެ ސަބަބަނު ފެން ކޯރެއް ހިނދި، އެ ކޯރުގެ ފެނު އަޑީގައި ފޮރުވިފައިވާ އާސާރީ އަވަށެއް ފެންމަތި ވެއްޖެ އެވެ.

ޖަރުމަނާއި ކުރްދިޝްގެ ސައިންސްވެރިން ގުޅިގެން ހޯދި ހޯދުންތަކުން މި އަވަށަކީ 3،400 އަހަރު ކުރިން މީހުން އާބާދުވެ އުޅުނު އަވަށެއް ކަމަށް ލަފާ ކޮށްފައިވެ އެވެ.

އުތުރު އިރާގްގެ ސަރަހައްދަކުން ފެނުނު މި އަވަށަކީ އީސާގެފާނު އުފަންވެ ވަޑައިގަތުމުގެ 1550 އަހަރު ކުރިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރަސްކަންކުރި މިތާނީ ދަރިކޮޅުގެ އަވަށެއް ކަމަށްވާ ޒަޚީހޫއަށްވުން ގާތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި އަވަށް ފެނުއަޑިއަށް ދާން މެދުވެރިވީ 1980ގެ އަހަރުތަކުގައި އިރާގުގެ ސަރުކާރުން އެ ސަރަހައްދުގައި މޮޒުލް ޑޭމް ނަމަކަށް ކިޔާ ބިނާއެއް އިމާރާތްކުރި ހިސާބުންނެވެ.

ނަމަވެސް ހޫނުގެ ސަބަބުން އެ އަވަށް އަލުން ފެންމަތިވުމާއެކު ސައިންސްވެރިން ވަނީ އެ ސަރަހައްދު ކޮނެ ރައްކާތެރިކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މި އަވަށާ ގުޅޭ ތާރީހެއް އެނގެން ނެތް ނަމަވެސް މި ސަރަހައްދުން ފެންނަ ތަކެތި ތަހުލީލުކޮށްގެން އެ އަވަށުގައި ދިރިއުޅުނު މީހުންގެ އަސްލު ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.