އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް" އަކީ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ރިއަލިޓީ ޝޯ އެވެ. މިހާތަނަށް އައިއިރު "ބިގް ބޮސް"ގެ 15 ސީޒަން ކަލާޒް ޓީވީއިން ގެނެސްދީފައިވާއިރު 16 ވަނަ ސީޒަނަށް އަންނަނީ ތައްޔާރު ވަމުންނެވެ. ކޮންމެ އަހަރެެއްގެ އޮކްޓޯބަރު މަހު ޝޯ ފެށިގެންދާއިރު މިފަހަރުގެ ޝޯގެ ހޯސްޓް ގޮތުގައި ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ފެނިގެންދާނެ ތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބެލުންތެރިންގެ މިސުވާލުތަކަށް ސަލްމާން ޚާން މިވަނީ ޖަވާބު ދީފަ އެވެ. އެގޮތުން އައިފާ އެވޯޑްސް 2022 ގެ ތެރެއިން "ބިގް ބޮސް 16" އާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަލްމާން ޚާން ބުނެފައިވަނީ މިއަހަރުގެ ޝޯގައި ހޯސްޓް ގޮތުގައި އޭނާ ފެނިގެންދާނެ ކަމަށެވެ.

ބިގް ބޮސް އަހަރެން ހޯސްޓް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. މިއަހަރުވެސް ފެނިގެންދާނެ" ސަލްމާން ޚާން ބުންޏެވެ.

https://www.instagram.com/p/CfJl5erqS7r/

"ބިގް ބޮސް 16" މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ކަލާޒް ޗެނެލުން މިހާރު ތައްޔާރީތައް ވަމުން އަންނައިރު މިފަހަރު ޝޯގައި ބައިވެރިންވާނެ ބައިވެރިންނެއް އަދި ހާމަކޮށްފައިނުވެ އެވެ. އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ޝޯގައި ލޮކްއަޕްގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އަންޖަލީ އަރޯރާ އާއި މުނާވަރު ފާރޫގު ފެނިގެންދާނެ އެވެ.

ކަލާޒް އިން އަންނަ މަހުގެ 2 ގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާތީ "ބިގް ބޮސް 16" ގެނެސްދޭނީ އެ ޝޯ ނިންމައިލުމަށް ފަހު ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް 15" ކާމިޔާބުކުރީ ޓީވީ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.