ކޮވިޑް ފެތުރޭތީ ސިއްހީ ޚިދުމަތްދޭ ތަންތަނާއި އަދި އާއްމު ހިދުމަތްދޭ ބައެއް ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށްފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މިހާރުވަނީ، ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅުން މަޖުބޫރުކޮށްފަ އެވެ.

އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ، އައިޖީއެމްއެޗްގައި މީހުން، އުޅޭ ވަގުތު މާސްކް އެޅުން ވަނީ ލާޒިމުކޮށްފަ އެވެ. އަދި ހޮސްޕިޓަލަށް ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތައް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ވަގުތު ކުރުކޮށް، މިހާރު ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރެވޭނެ ވަގުތަކީ ހަވީރު 5:00 އިން ރޭގަނޑު 7:00އަށެވެ.

ހޮސްޕިޓަލުން ޚިދުމަތް ހޯދަން ދިއުމުގައި، އެކުގައި ގިނަ މީހުން ނުގެންދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ، ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އެއާޕޯޓާއި ބައެއް އާއްމު ޚިދުމަތްދޭ ބައެއް ތަންތަނުން ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އެޅުމާއި އަދި އެއާޕޯޓަށް މީހުން ފުރުވަން ދާއިރު ވެސް ވީހާ ވެސް މަދު މީހުން ދިއުމަށް އެދެ އެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގައި ކޮވިޑްގެ އަދަދުތައްވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި 1،202 ކޭސް ރިޕޯޓްކުރި އެވެ. އޭގެ ކުރީ ހަފްތާގައި މިއަދަދު ހުރީ 400 ގަ އެވެ.

ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 51 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގައި މި ބަލީގައި ތިން މީހުން ނިޔާވި އެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 305 އަށް އަރާފަ އެވެ.