އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް 800 މިލިއަން ރުފިޔާއަށް ކުރާ ސަބަބަކީ މިހާރު ތަކެތީގެ އަގުބޮޑުވުމުން ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވަނީ އިންޑިއާގެ ދައުލަތުގެ ކުންފުންޏެއް ކަމުގައިވާ ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓެންޓްސްއާ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަށްކަން ފާހަގަކުރައްވައި އެއީ ހޮސްޕިޓަލަކަށް 200 މިލިއަނެއް ހައި ރުފިޔާކަމުގައި ވިދާޅުވެފަ އެވެ. އަދި ނައިފަރުގައި ހުރި ފަސް ފަންގިފިލާގެ ހޮސްޕިޓާ އެޅުމަށް ސަރުކާރުން ޚަރަދުކުރީ 43 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި އިންޑިއާގެ މި ކުންފުންޏާ ހަވާލުކޮށްގެން އަޅާ ހޮސްޕިޓާތަކުގެ މަސައްކަތްކުރަނީ ކޮން ފެންވަރަކަށްތޯ އަދި އެ މަސައްކަތުގެ އަގު އެހާ ބޮޑަށް އުފުލުނު ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން ނަސީމު ވިދާޅުވީ ނައިފަރު ހޮސްޕިޓަލް ބިނާކުރި ދުވަސްވަރަށް ވުރެ މިހާރު ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އަދި އެކަން ޝިޔާމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ހޮސްޕިޓަލެއް އަޅާނަމަ މި ސަރުކާރުން އަޅާނީ އެންމެ ރަނގަޅު ފެންވަރުގައި ކަމަށެވެ. އަދި ސަރުކާރުން އަޅާ ހޮސްޕިޓާތަކަކީ 2040 ވަނަ އަހަރާ ހަމައަށް އެއްވެސް ބަދަލެއް ނުގެނެސް ބޭނުންކުރެވޭނެ ހޮސްޕިޓަލްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއިން ހޮސްޕިޓަލެއްގައި އެކްސްޓެންޝަނުގެ މަސައްކަތް ވެސް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމު ފާހަގަކުރެއްވި ގޮތުގައި 200 މިލިއަނެއް ހައި ރުފިޔާ ކޮންމެ ހޮސްޕިޓަލަކަށް ހޭދަކޮށްގެން އަޅަނީ 50 އެނދުގެ ތިން ހޮސްޕިޓަލަކާއި 30 އެނދުގެ ތިން ހޮސްޕިޓަލެކެވެ.