މާލެ ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީން ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ އަމީނީ މަގު ތާރު އަޅައިގެން ތަރައްގީ ކުރުމަށް އިއްޔެ ވަނީ ޕްލޭނިން މިނިސްޓްރީއިން އާރްޑީސީއާ ހަވާލުކޮށްފަ އެވެ. މީގެ ކުރިން މާލެ ސިޓީ ކައުންސިލުން އައީ މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްގެން ކުރަމުންނެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާ ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމުން ކަމަށްވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.
"އެކަހަލަ މަޝްރޫއެއް އެއްތަނުން އަނެއް ތަނަށް ބަދަލު ކުރެވޭނީ އަނބުރާ މަޖިލީހަށް ގޮސްގެން. މަޖިލީހުން ފާސްކޮށްގެން ނޫންގޮތަކަށް އަނބުރާ އެހެން ދިމާލަކަށް ޕްރޮޖެކްޓެއް ބަދަލެއް ނުކުރެވޭނެ. އެއީ ގާނޫނީ ކުށެއް،” މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފެންބޮޑުވުމާއި އަޑިގުޑަންތަކާ ހެދި މާލޭގެ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް އެ ކައުންސިލުން ފެށީ ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި މިއީ މަޖިލީހުން ފާސްކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާ، އެ ބަޖެޓް ދީފައި އޮތީ ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ. މަގު ހެދުމަށް ބޭނުންވާ ފައިސާ ޕްލޭނިން މިނިސްޓްރީން ނުދިން ކަމަށާއި ކުރިން ހެންވޭރު އަވަށުގެ ރޯޝަނީ މަގު ހަދަމުން ދަނިކޮށް މަގުގެ ބާކީ ބަޔަށްވާ ފައިސާ ވެސް ސަރުކާރުން ހިފެހެއްޓި ކަމުގައި ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެ މަގު ހެދުން ލަސްވެ އާރްޑީސީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމަށްފަހު ސަރުކާރަށް ނެގިއިރު މަގު ހެދުމުގެ މަސައްކަތް ފެށުން އަވަސްކުރުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ސަރުކާރުން ފަހިކޮށްދީފައި ނުވާ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
"މިވަގުތާ ހަމައަށްވެސް ރައީސް އޮފީހުގެ ސިޓީއެއް ނާދޭ މަޝްރޫއު ވަކިކުރި ކަމަކަށް. މަޖިލީހަކުން ވެސް ނާންގާ އެކަހަލަ އެންގުމެއް އެހެން އޮފީހަކަށް ޕްރޮޖެކްޓް ބަދަލުކުރި ކަމަކަށް. ދެން ކިހިނެއް އަޅުގަނޑުމެންނާ އާރްޑީސީއާ އެކު ހެދި އެގްރީމެންޓަށް ވާނީ. އޭގައި އެބަވޭ ޓާމިނޭޓްކުރާނެ ގޮތްތައް ވެސް،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ތުހުމަތު ކުރެއްވި ގޮތުގައި މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމަށްފަހު ސަރުކާރަށް ނެގީ މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އޮތީ އިދިކޮޅު ޕީޕީއެމްއަށް ކަމަށްވާތީ އެވެ.
މާލޭގެ މަގުތައް ހެދުމަށް މިސަރުކާރުން އެންމެ ފުރަތަމަ ސޮއި ކުރީ ނިމިދިޔަ ކައުންސިލްގައި މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރު އެވެ. އެ ދުވަސްވަރު މާފަންނުގެ ބައެއް މަގުތައް ހެދުމަށްފަހު ހެންވޭރުގެ ރޯޝަނީ މަގު ހެދީ މިހާރުގެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އޭގެފަހުން މާލޭގެ އެއްވެސް މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.