މާދަމާ ހެނދުނު 6 އިން ފެށިގެން އީދު ނަމާދު ނިމެންދެން މާލޭގެ ތިން ސަރަހައްދުގައި ވެހިކަލު ދުއްވުން ފުލުހުން މަނާކޮށްފި އެވެ.

ފުލުހުން ބުނީއީދު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އީދު ނަމާދު ނިމެންދެން، އެމަގުތައް ވެހިކަލްތަކަށް ބަންދުވާނެ ކަމަށެވެ. އަދި އީދު ނަމާދަށް ދާއިރު ފައިމަގުގައި ދިއުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެހެން އަހަރުތަކޭ އެފަދައިން މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ. އަދި މީގެ އިތުރުން 32 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި، އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރާނެ ކަމަށެވެ.