ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އާއި އާއިލާ ހިމާޔަތަށް ރާއްޖެއަށް އަންނަން ފުރުމުން، މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސަން ހުއްދަ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ އެއްވެސް އޮފިޝަލެއް ބަހެއް ނުލިބެ އެވެ.

ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ބައެއް މީހުން ބުނެފައި ވަނީ ގޮޓަބަޔާ އާއި އާއިލާ ރާއްޖެއަށް ފުރީ މީގެ 45 މިނެޓެއްހާއިރު ކުރިން އެއާފޯސްގެ މަތިންދާބޯޓެއްގައި ކަމަށެވެ. ނަމަވެސް ފުރިތާ އިކޮޅެއް ފަހުން އެ ބޯޓު ޖައްސަން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ލަންކާގެ ބައެއް މީހުން ޓުވިޓާގައި ބުނެފައިވެ އެވެ.

ސްރީލަންކާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީއިން ބުނެފައި ވަނީ ރާޖަޕަކްސަ ވައިގެ މަގުން ގައުމު ދޫކުރައްވައި ފިއްލަވަން މިއަދު ހެނދުނު ކުރި މަސައްކަތް ނާކާމިޔާބުވީ އިމިގްރޭޝަނުގެ އޮފިސަރުން ރާޖަޕަކްސަގެ ޕާސްޕޯޓުގައި ސްޓޭމްޕް ޖަހައިދޭން ދެކޮޅު ހެދުމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިން ރާޖަޕަކްސަ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އެތަން ހިސާރު ކުރުމާއެކު އޭނާ ވަނީ ގެކޮޅު ދޫކުރައްވައި ފިއްލަވާފަ އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރާޖަޕަކްސަ ވަނީ އިސްތިއުފާ ދޭނެކަން އިއުލާން ކުރައްވާފަ އެވެ.

އޭނާ އިސްތިއުފާ ދެއްވާނީ މިއަދުން ފެށިގެންނެވެ. އަދި ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެސް ހަވާލުކޮށްފަ އެވެ.