ބިގް ބޮސްގެ ނަމުގައި 2006 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ރިއާލިޓީ ޝޯގެ 15 ސީޒަން މިހާތަނަށް ބެލުންތެރިންނާހަމައަށް ގެނެސްދީފައިވާއިރު، މިއީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ޝޯއެކެވެ.

ކަލާޒް ޗެނެލުން ގެނެސްދޭ "ބިގް ބޮސް" ގެ 16 ވަނަ ސީޒަނަށް އެ ޗެނެލުން ތައްޔާރު ވާން ފަށާފައިވާ އިރު، މިޝޯގައި ބައިވެރިވާނެ ކަމަށް ބެލެވޭ ބައެއް ތަރިންގެ މައުލޫމާތު އަންނަނީ މީޑީއާގައި ހާމަކުރަމުންނެވެ.

އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތްތަކުން އަދި މިފަހަރުގެ ޝޯގައި ބައިވެރިވާނެ ތަރިންގެ ނަންތަކެއް ހާމައެއް ނުކުރެ އެވެ.

ކޮންމެ އަހަރަކު ބިގްބޮސް ޝޯ އަށް ބެލުންތެރިން އެންމެ އިންތިޒާރުކުރާ ސަބަބަކީވެސް މި ޝޯ ސަލްމާންޚާން ހޯސްޓު ކުރާތީ އެވެ.

މިފަހަރުގެ ސީޒަންގައި ވެސް ހޯސްޓް ކުރާނީ ސަލާމާން ޚާނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި އެންމެ ފަހުން ނިމިގެންދިޔަ "ބިގްބޮސް" ސީޒަން 15 ގައި ސަލާމާން ނެގި މުސާރައަށް ވުރެން ބޮޑު މުސާރައެއް މިފަހަރު ކިޔާފައިވާ ކަމަށެވެ. އެގޮތުން މިފަހަރުގެ ސީޒަންގެ މުސާރައަކީ މިދިޔަ ސީޒަންގެ މުސާރާގެ ތިން ގުނަ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ބިގްބޮސް 15" ގައި ސަލްމާން މުސާރާގެ ގޮތުގައި ނަގާފައިވަނީ 350 ކްރޯޑް ރުޕީސް އެވެ. މީޑިއާގައި މިހާރު ދެކެވޭ ވާހަކަތަކަކީ ހަގީގަތަކަށްވެއްޖެ ނަމަ މިފަހަރުގެ ސީޒަނުގައި ސަލްމާންގެ މުސާރާގެ ގޮތުގައި ލިބޭނީ 1050 ކްރޯޑް ރުޕީސް އެވެ.

ކޮންމެ އަހަރަކު ވެސް ސީޒަންގެ މެދުތެރެއިން "ބިގްބޮސް"ގެ ހޯސްޓް ކަމުން ސަލްމާން ވަކިވާ އުޅޭ ކަމަށް ބުނެ އަޑު ފެތުރެ އެވެ. އެހެންނަމަވެސް އާސީޒަންނާއެކު ސަލްމާން ޚާން އަނެއްކާ ވެސް ބެލުންތެރިންނާ ބައްދަލުކުރެ އެވެ.

މިކަމާ ބެހޭ ގޮތުން ސަލްމާން ބުނެފައިވަނީ ޝޯއިން ވަކިވާން ނިންމާ ކޮންމެ ފަހަރަކު ކޮންމެވެސް ގޮތަކުން އޭނާ އެކަމަށް އެއްބަސްކުރުވާ ކަމަށެވެ.

"ބިގްބޮސް" ގެ 15 ވަނަ ސީޒަން ކާމިޔާބު ކުރީ ޓީވީ ބަތަލާ ތެޖަސްވީ ޕްރަކާޝް އެވެ. އަދި 14 ވަނަ ސީޒަން ކާމިޔާބު ކުރީ ޓީވީ ބަތަލާ ރުބީނާ ދިލައިކް އެވެ.

"ބިގްބޮސް" ސީޒަން 16 ފެށުމުގެ ކުރިން "ބިގްބޮސް އޯޓީޓީ"ގެ ދެ ވަނަ ސީޒަން ދައްކާނެ އެވެ. އަދި އޯޓީޓީ ޝޯ ދައްކާނެ ތާރީހެއްވެސް އިއުލާނެއް ނުކުރެ އެވެ.