ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިން އަށް އަޕްޑޭޓް ގެނެސް "އާޔާ" އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފި އެވެ.

މި އަޕްޑޭޓް އާއެކު "އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި "އާޔާ" މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

މި ބަދަލާއެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކިން ހިމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.