54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފި އެވެ.

އެމަނިކުފާނު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެންނެވެ. އަދި، މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގަ އެވެ.

ބައިނަލްއަގުވާމީ މި މުބާރާތަކީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަން އެވެ.

މިފަހަރުގެ މުބާރާތުގައި 24 ޤައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެ އެވެ.

މިރޭ ބޭއްވި ހުޅުއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭބީބީއެފް) ގެ ފަރާތުން ރައީސަށް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފަ އެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.