ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތް ކެއާ ޕްރޮފެޝަނަލްސް" އިފްތިތާހްކޮށްދެއްވައިފި އެވެ.

އެކަމަނާ މި ކޮންފަރެންސް އިފްތިތާހްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ތީމަކީ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނާޖީ" އެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެން ސިއްހީ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާނެ އެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިއްހީ ދާއިރާގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.