ވިލިމާލޭގެ ބީޗް ސަރަހައްދު ޕިކްނިކް އޭރިޔާއެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ލޮނުޒިޔާރަތް ޕާކުގައި މާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މޫދަށް އެރި މަޖާކޮށްލަން ގިނަ ބަޔަކު ވިލިމާލެ ބީޗަށް ދާތީ، އެ ސަރަހައްދު ޕިކްނިކް އޭރިއާއެއްގެ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ވިލިމާލެ ބީޗް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ. އެ ތަނުގައި ބާބަކިއު ސަރަހައްދަކާއި ފާހާނާ ބަރިއެއް އަދި ގޮނޑި އާއި މޭޒު ތައް ވެސް ޖަހާނެ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެސަރަހައްދުގައި 10 ރޫމް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާއި އެއީ ދުވާލު ވަގުތުގައި ބޭނުންކުރާ ގޮތަށް ކަމަށެވެ. އަދި ނުކުޅެދޭ މީހުންނަށް ވީލްޗެއާގައި މޫދުގެ ވަކި ހިސާބަކަށް ފޭބޭ ގޮތަށް ރޭމްޕެއް ވެސް ހަދަން ނިންމާފައިވާ ކަމަށާއި އެ ރޭމްޕުގައި މަޑުކޮށްލައިގެން އެ މީހުންނަށް ވޯޓާ ތެރަޕީ ވެސް ނެގޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މޫދަށް އެރޭ މީހުންގެ ރައްކާތެރި ކަމަށް ލައިފް ގާޑެއް ވެސް އެ ސަރަހައްދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ބޮޑުބައި ނިންމާނެ ކަމަށެވެ. އަދި ދުވަހު ކޮޓަރިތައް ނިންމުން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް އެތަންތަން ވެސް ވަރަށް އަވަހަށް ބޭނުންކުރަން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.